Advertisement
ކ. މާލެ
|
30 ޖެނުއަރީ 2023 | ހޯމަ 07:13
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން
-
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރު ކުރީ ޕީޕީއެމް މަންދޫބެއް!
ގދ. ރަތަފަންދޫއިން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ ޕީޕީއެމް މެންބަރެއް

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ގދ. ރަތަފަންދޫ ވޯޓު ފޮށި ފަޅާލައިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ އިދިކޮޅު ޕީޕީއެމްގެ މެންބަރެއް ކަމަށް އެމްޑީޕީގެ ޝަކުވާ ބަލައި ކޮމިޓީގެ މުގައްރިރު އަދި ޗެއަރޕަރސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އިބްރާހީމް ވަހީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައެވެ. އީވާގެ ޓްވީޓުގައި އޭނާ ވަނީ ދެ މީހެއްގެ އައިޑީކާޑު ހިއްސާކުރައްވާ އެއީ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ރަތަފަންދޫގައި ތިބި ދެ އޮބްޒާވަރުން ކަމަށާއި އެ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ޓްވީޓަށް ރައްދުދެއްވައި އިބްރާހީމް ވަހީދު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓުންނަށް ފަސޭހަ ކުރަން މަންދޫބުންގެ ގޮތުގައި އެމްޑީޕީގެ ކޮންމެ މެންބަރެއްވެސް ބެހެއްޓިދާނެ ކަމަށް އެންގެވި ކަމަށެވެ. އަދި އެމްޑީޕީ މެންބަރުން ނޫން މީހަކު ނުބެހެއްޓޭނެ ކަން ވެސް އަންގަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މިގޮތަށް އެންގެވި ނަމަވެސް ރަތަފަންދޫ ފޮށި ކައިރީގައި ހުރި ރައީސް ނަޝީދުގެ މަންދޫބުންގެ ތެރެއިން އެކަކީ އެމްޑީޕީ މެންބަރެއް ނޫން ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އޭނާ އެގޮތަށް ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ މަންދޫބެއް ކަމަށް ވިދާޅުވެ އީވާ އާންމުކުރެއްވި ފޮޓޯގައިވާ އަދި ރަތަފަންދޫން ހައްޔަރުކުރި އީމާން އަހުމަދަކީ ޕީޕީއެމްގެ މެންބަރެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރުން ދައްކާތީއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކާމިޔާބު ކުރައްވާފައިވާއިރު އިންތިޚާބުގައި ވަގު ވޯޓު ލި ކަމަށާއި އިންތިޚާބު އިންސާފުވެރި ނޫންކަމަށް ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުންނާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ދަނީ ބުނަމުންނެވެ.

ރައީސް ޞާލިހު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ، 24،572 ވޯޓުންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް