Advertisement
ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 14:11
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ފޮނަދޫ މަރުގެ މައްސަލަ
ބަންގުލަދޭޝްގެ ރައްޔިތެއް މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރާ 8 މީހަކު ސަލާމަތްވެއްޖެ
ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިގަރީނާއިން މި ކުށުގެ ދައުވާލިބޭ ފަތާތްތަކުގެ މައްޗަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރިއަތަށް ހެކިގަރީނާ ލިބިފައި ނުވޭ

ލ. ފޮނަދޫގައި ބަންގުލަދޭޝްގެ ރައްޔިތެއް މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރާ 8 މިހާކު ސަލާމަތްވެއްޖެއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ 8 މީހުންނަކީ ބަސްގުލަދޭޝް ރައްޔިތުންނެވެ. މި މައްސަލައަކީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުގެރޭ ވަގުތެއްގައި ލ. ފޮނަދޫ ފިނިމަގުގެ މެދެއް ހިސާބުގައި ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުހައްމަދު އަސަން އުއްލާގެ މަރުގެ މައްސަލައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޕަރުވެޒް، މުހައްމަދު ސޮމުން މިއާ، ރޮބެލް މިއާ، ސަމިމްގެ އިތުރުން އަލް އަމީން، މުހައްމަދު ރަސެލް، ދީން އިސްލާމް އަދި އަބޫ ކަލަމްގެ މައްޗަށެވެ.

މި މައްސަލައިގެ ދައުވާ ބިނާކޮށްފައިވާ މާއްދީ ވާޤިޢާތަކަކީ، މާޗް 26 ވަނަ ދުވަހުރޭ ވަގުތެއްގައި ލ. ފޮނަދޫ ފިނިމަގުގެ މެދެއް ހިސާބުގައި ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ މުހައްމަދު އަސަން އުއްލާ ބައިސްކަލެއްގެ މަތީގައި އިން ކަމަށެވެ. އަދި މުހައްމަދު އަސަން އުއްލާ ބައިސްކަލެއްގެ މަތީ މަޑުކޮށްގެން އިނދާ، އަބޫ ކަލަމް، މުހައްމަދު އަސަން އުއްލާގެ ފައިގައި އެއްޗަކުން ޖަހައި މުހައްމަދު އަސަން އުއްލާ ބިއްމައްޗަށް ވައްޓާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުވާ ލިބޭ ފަރާތްތަކުން މުހައްމަދު އަސަން އުއްލާ ފިނިމަގު އަތިރި މައްޗަށް ގެންދިޔަ ކަމަށާއި، އޭނާ އުއްޑުން ބޭއްވުމަށްފަހު، އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ އަބޫ ކަލަމް ކަމަށާއި، އެވަގުތު މުހައްމަދު ސޮމުން މިއާ، ރޮބެލް މިއާ، ސަމިމް އަދި އަލް އަމީން، މުހައްމަދު ރަސެލް އާއި ދީން އިސްލާމް ހުރީ މުހައްމަދު އަސަން އުއްލާގެ ގައިގައި ހިފަހައްޓައިގެން ކަމަށެވެ.

Advertisement

މި މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގައި ބުނާ ކަންތައްތަކުގެ މައްޗަށެވެ.

ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަރިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލާ މީހަކު މަރައިފިނަމަ ގަސްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެއެވެ. (ށ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހައްގަކާ ނުލާ މީހަކު މަރާލުމުގައި އެކަކަށްވުރެ ގިނަ މީހުން އަމަލީގޮތުން ބައިވެރިވެއްޖެނަމަ އެ ހުރިހާ އެންމެން ހައްގަކާ ނުލައި ގަސްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެއެވެ. (ނ) ގައި ބުނެފައިވަނީ މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ 8 މީހުންނާ ދެކޮޅަށް ދައުލަތުން 33 ހެކި ގަރީނާ ހުށަހަޅާފައިވެއެވެ.

މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ 8 މީހުންގެ ކަމުގައިވާ ޕަރުވެޒް، މުހައްމަދު ސޮމުން މިއާ، ރޮބެލް މިއާ، ސަމިމްގެ އިތުރުން އަލް އަމީން، މުހައްމަދު ރަސެލް، ދީން އިސްލާމް އަދި އަބޫ ކަލަމްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ހަވާލާދި އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުންކޮށްފައިވާ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަށް، ދައުވާލިބޭ އެންމެން އިންކާރުކުރުމާއި ގުޅިގެން، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިގަރީނާއިން މި ކުށަށް ދައުވާލިބޭ ފަތާތްތަކުގެ މައްޗަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރިއަތަށް ހެކިގަރީނާ ލިބިފައި ނުވާތީ، މި 8 މީހުންގެ މައްޗަށް ކޮށްފައިވާ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅާ ހުކުމްކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް