ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 12:03
އައްޑޫ ބޮޑުމަގު
އައްޑޫ ބޮޑުމަގު
ޓްވީޓަރ
އައްޑޫ ސިޓީއިން ގޯތި ދޫކުރުން
އައްޑޫ ސިޓީ ހިތަދޫއިން 500 ގޯތި ދޫކުރަން އިއުލާންކޮށްފި
ހިތަދޫއިން ދޫކުރާނީ 1500 އަކަފޫޓުގެ 500 ގޯތި

އައްޑޫ ސިޓީ ހިތަދޫއިން 500 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ހިތަދޫއިން ދޫކުރާނީ 1500 އަކަފޫޓުގެ 500 ގޯއްޗެވެ. އެގޮތުން 450 ގޯތި ހިތަދޫގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާއިރު ބާކީ 50 ގޯއްޗަށް ކޮންމެ އަވަށެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އަވަށު އޮފީހުން ރަސްމީ ބަންދު ނޫން ކޮންްމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 13:00އާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިތަދޫން 500 ގޯތި ދޫކުރަން އިއުލާން ކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު ސިޓީ ކައުންސިލުން ވަނީ އިތުރު ތިން އަވަށަކުން 500 ގޯތި ދޫކުރަން އިއުލާންކޮށްފައެވެ. އެގޮތުން ހުޅުދޫ އާއި މީދޫ އިން 2،000 އަކަފޫޓްގެ 200 ގޯތި ދޫކުރާއިރު ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯތިކަމަށް ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ފޭދޫ އިން ދޫކުރާ 300 ގޯތީގެ ތެރެއިން 90 އިންސައްތަ ނުވަތަ 270 ގޯތި ހާއްސަވާނީ އެ އަވަށުގެ ރައްޔިތުންނަށެވެ. ބާކީ 30 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެއެވެ.

ހުޅުދޫއިން ދޫކުރާ 100 ގޯތީގެ ތެރެއިން 90 ގޯތި އެ އަވަށުގެ މީހުންނަށް ހާއްސަ ކޮށްފައިވާއިރު 10 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ކުރިމަތިލެވޭނެއެވެ. އަދި މީދޫއިން ވެސް 90 ގޯތި އެ އަވަށުގެ ރައްޔިތުންނަށް ހާއްސަވާއިރު 10 ގޯއްޗަށް އެހެން އަވަށްތަކުގެ ރައްޔިތުންނަށް ކުރިމަތިލެވޭނެއެވެ.

އައްޑޫ އިން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި އެ ސިޓީ އިން ގޯތި ދޫކުރާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށެވެ. އެގޮތުން، ގޯތި ލިބެން ޖެހޭ މީހުން ހޮވާނީ ޕޮއިންޓު ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށާއި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓު ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ގޯތި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނުވަ މެންބަރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވައިލާނެއެވެ. މި ކޮމިޓީގައި ހިމެނޭނީ ގޯތި ދޫކުރަން އިއުލާންކުރާ އަވަށެއްގެ ކައުންސިލަރަކު ހިމެނޭގޮތަށް ދެ ކައުންސިލަރުންނާއި ގޯތި ދޫކުރާ އަވަށެއްގެ އާއްމު ރައްޔިތުން ތަމްސީލު ކުރާ މެންބަރަކާއި ކައުންސިލްގެ ޤާނޫނީ ވަކީލުންގެ ތެރެއިން މެންބަރަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކާއި މުއައްސަސާތައް ތަމްސީލު ކުރާ ދެ މެންބަރުންނާއި ކައުންސިލްގެ ސެކްޝަންތަކުގެ ނުވަތަ އަވަށު އޮފީހުގެ މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ދެ މެންބަރުންނެވެ.

- ކޮމެންޓް