ގޯތި ދޫކުރުމުގެ މަސައްކަތަކީ އެންމެ އިސްކަން ދޭ މަސައްކަތް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ގޯތި ނުލިބުމުގެ މައްސަލައަކީ އައްޑޫގެ އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށެވެ. ބުދަ ދުވަހު އައްޑޫ ހިތަދޫން 500 ބަންޑާރަ ގޯތި ދޫކުރަން ވަނީ އިއުލާންކޮށްފައެވެ. އެކަމުގެ ތަފްސީލް ހިއްސާކުރައްވާ ނިޒާރު ވިދާޅުވީ ހިތަދޫއިން ދޫކުރާ 1،500 އަކަފޫޓުގެ ގޯތިތައް ހޯދުމަށް އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
22 އަހަރު ފަހުން ހިތަދޫއިން ގޯތި ދޫކުރުމަކީ އާއްމުންނަށް ލިބޭ އުފަލެއްގެ ގޮތުގައި ނިޒާރު ވަނީ ސިފަކުރައްވާފައެވެ. އައްޑޫއިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްތައް ނިޒާރު ވަނީ ހާމަކޮށްދެއްވާފައެވެ. އެގޮތުން ހިތަދޫން 500 ގޯތި ދޫކުރާއިރު، އައްޑޫގެ އިތުރު ތިން ރަށަކުން 500 ގޯތި ދޫކުރަން ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ފޭދޫއިން ދޫކުރާ 1،500 އަކަފޫޓުގެ 300 ގޯއްޗާއި، ހުޅުދުއާއި މީދޫއިން، ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯތި ހިމެނެއެވެ.
އެ މަސައްކަތަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަަން ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. އެއީ ސިޓީ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތަކީ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ހިމެނޭ މަސައްކަތެއް ކަމަށެވެ. އެއީ ގިނަ ދުވަސްތަކެއް ހޭދަވާ ގިނަ މަރުހަލާތަކެއް ހުރި މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.