ކ. މާލެ
|
24 ޖެނުއަރީ 2023 | އަންގާރަ 07:25
ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވި ކޫމަން
ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވި ކޫމަން
ޓްވީޓަރ
ނެދަލެންޑްސް ޤައުމީ ޓީމު
ކޫމަން އެނބުރި ނެދަލެންޑްސް ޤައުމީ ޓީމުގެ ކޯޗުކަމަށް
 
އެންމެ ފުރަތަމަ ނެދަލެންޑްސްގެ ކޯޗުކަމާ ކޫމަން ހަވާލުވީ 2018 ވަނަ އަހަރު

ނެދަލެންޑްސް ޤައުމީ ޓީމުގެ ކޯޗުކަމަށް ރޮނާލްޑޯ ކޫމަން ހަމަޖައްސައިފި އެވެ.

ނެދަލެންޑްސްގެ ކޯޗުކަމުގެ މަޤާމު ހުސްވީ މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތަށްފަހު އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވުމުން، ކޯޗު ކަމުން ލުއިސް ވެން ހާލް ވަނީ ވަކިވެފަ އެވެ. އޭގެ ކުރިން ވެސް ވެން ހާލް ވޯލްޑް ކަޕަށްފަހު ކޯޗުކަމުން ވަކިވާނެ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ.

ނެދަލެންޑްސްގެ ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ ކޫމަން އެ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސިކަން އިއުލާނުކޮށްފަ އެވެ. ކޫމަން އެންމެ ފުރަތަަމަ އޭނާގެ ކޯޗިން ކެރިއަރު ފެށީ ވެސް ނެދަލެންޑްސް އިންނެވެ. އޭނާ ވަނީ 1997 ވަނަ އަހަރުން 1998 ވަނަ އަހަރާ ހަމައަށް ނެދަލެންޑްސް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ ޒިންމާ އަދާކޮށްފަ އެވެ. ކޯޗެއްގެ ގޮތުގައި ކޫމަން އެންމެ ފުރަތަމަ އިރުޝާދު ދިނީ ވިޓޭސް އަށެވެ. އޭގެ ފަހުން އޭނާ ވަނީ ގިނަ ކުލަބުތަކަށް ކޯޗުކަން ކޮށްދީފަ އެވެ. އެންމެ ފުރަތަމަ ނެދަލެންޑްސްގެ ކޯޗުކަމާ ކޫމަން ހަވާލުވީ 2018 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެފަހަރު ނެދަލެންޑްސް ކުޅުނު 20 މެޗުގެ ތެރެއިން އެ ޓީމު ވަނީ 11 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ބަލިވީއިރު، ފަސް މެޗެއް ވަނީ އެއްވަރުވެފަ އެވެ.

ކޫމަންގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް އިން ވަނީ 19-2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ކުޅެފަ އެވެ. ނެދަލެންޑްސް އިން 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައިވީ ވެސް އޭނާގެ އިރުޝާދުގެ ދަށުންނެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ނެދަލެންޑްސް މުބާރާތަކަށް ކޮލިފައިވީ ފުރަތަމަ ފަހަރެވެ. 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިވެފައެއް ނުވެ އެވެ. ކޫމަން ނެދަލެންޑްސްގެ ކޯޗުކަން ދޫކޮށްލީ 2020 ވަނަ އަހަރު އެވެ. އެއީ ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށެވެ. ނަމަވެސް ބާސެލޯނާގައި ނަތީޖާ ނުނެރެވުމުގެ ސަބަބުން ކޫމަން ވަނީ 2021 ވަނަ އަހަރު މަޤާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ކޫމަން ހުރީ އެއްވެސް ވަޒީފާއެއް ނެތި އެވެ.

ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ކޫމަން ބުނީ ދެ ވަނަ ފަހަރަށް ޤައުމީ ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި އުފާ ކުރާ ކަމަށާއި، ނެދަލެންޑްސްއާއެކު ކުރިއަށް ދިޔުމަށް އޭނާގެ އަމާޒެއް އޮތް ކަމަށެވެ. ކޫމަން ބުނީ ޓީމުގައި ތިބީ ވަރަށް މޮޅެތި ކުޅުންތެރިން ކަމަށާއި، ކުޅުންތެރިންނާއި އެހެނިހެން ކޯޗިން ސްޓާފުންނާއި ގުޅިގެން ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. ނެދަލެންޑްސްއާއެކު ކޫމަން ތައްޔާރު ވާނީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތަށް ކޮލިފަައިވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް