ޖަރުމަނުގެ ލެޕަރޑް ޓޭންކަރު ޔޫކްރެއިނަށް ފޮނުވަން އެގައުމުގެ ހުއްދަ ނުލިބުނަސް ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވާނެ ކަމަށް ޕޮލެންޑުން ބުނެފިއެވެ.
ހޯމަ ދުވަހު، ޕޮލެންޑްގެ ބޮޑުވަޒީރު މަޓެއުޝް މޮރުވިއެޓްސްކީ ވަނީ އެގައުމުގައި ހުރި ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތައް ހަނގުރާމާގައި ބޭނުންކުރުމަށް ޔޫކްރެއިނަށް ފޮނުވުމަށް ޖަރުމަނުގެ ހުއްދައަށް އެދޭނެ ކަމަށާއި އެކަމަށް ޖަރުމަނުގެ ހުއްދަ ނުލިބުނަސް ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.
ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި ޔޫކްރެއިނުން ދަނީ ޖަރުމަނުން އުފައްދާފައިވާ ލެޕަރޑް ޓޭންކަރުތައް އެގައުމަށް ފޮނުވައިދިނުމަށް އެދެމުންނެވެ. ޔޫކްރެއިނުން ބުނަމުންދަނީ ރަޝިއާއިން ހިފާފައިވާ އެގައުމުގެ ސަރަހައްދުތައް އަލުން އަނބުރާ ހޯދުމަށް ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތައް ބޭނުންވާކަމަށް ބުނަމުންނެވެ.
ފިނި ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުން އުފައްދާ އެގައުމުގެ އެކުވެރި ގައުމުތަކަށް ހަދިޔާކޮށްފައިވާ ލެޕަރޑް ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވަން ތައްޔާރަށް ތިބިކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަމުންދިޔަ ނަމަވެސް ޖަރުމަނުން ވަނީ އެގައުމުގެ ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވޭނީ އެމެރިކާގެ އަބްރަމްސް ޓޭންކަރުތައްވެސް އެގައުމަށް ފޮނުވާނަމަކަމަށް ބުނެފައެވެ.
ޖަރުމަނުގެ މިޑިމާންޑްތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ އިސްވެރިންދަނީ ލެޕަރޑް ޓޭންކަރުތައް ޔޫކްރެއިން ރީ-އެކްސްޕޯޓް ނުކުރެވޭނެ އެއްވެސް ހަމަޖެހޭ ސަބަބެއް ޖަރުމަނަށް ނުދެވޭ ކަމަށް ވިދާޅުވަމުންނެވެ.
އެމެރިކާގެ އަބްރަމްސް ޓޭންކަރުތަކަކީ ޔޫކްރެއިންގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ޓޭންކަރުތައް ނޫންކަމަށް ބުނެ އެމެރިކާއިން ވަނީ އެގައުމުގެ އަސްކަރިއްޔާގައި ހުރި ބްރެޑްލީ ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވަދޭން އެއްބަސްވެފައެވެ. އެމެރިކާއިން ވަނީ ދެން އެގައުމުން ޔޫކްރެއިނަށް ފޯރުކޮށްދޭނެ އެހީގެ ޕެކޭޖުގައިވެސް އަބްރަމްސް ޓޭންކަރު ހިމެނުން ވަރަށް ދުރުކަމަށް ބުނެފައެވެ.
ޖަރުމަނުގެ މިޑިމާންޑާއެކު މިކަމުގެ މަޝްވަރާތައް ހުޅަނގުން ކުރަމުންދާއިރު، އާދިއްތަ ދުވަހު ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަނީ މިކަމާ ގުޅޭ މަޝްވަރާތައް ކުރަން ޖަރުމަނުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ޕޮލެންޑުން ޔޫކްރެއިނަށް ލެޕަރޑް ޓޭންކަރު ފޮނުވަން ބޭނުންވާ ނަމަ އެކަމަށް ޖަރުމަނުން ހުރަސް ނާޅާނެކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އެގައުމު އެއްކޮށް ސުންނާފަތި ނުވަނީސް އެގައުމަށް ބަރުހަތިޔާރާއި ޓޭންކަރުތައް ފޯރުކޮށްދިނުން އައްވަސްކޮށްދިނުމަށް ޔޫކްރެއިންގެ ރައީސް ދަނީ އެގައުމަށް ވާގިވެރިވާ ގައުމުތަކުގެ ލީޑަރުންގެ އަރިހުގައި އެދިވަޑައިގަންނަވަމުންނެވެ.