ހއ.ކެލާ ޝައިޚް އިބްރާހިމް ސްކޫލް 03 ބުރި އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އާދިއްތަ ދުވަހު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދުމުގެ މަތިން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައިގަންނާނީ 09 ޖަނަވަރީ 2023 އިން 7 ފެބްރުވަރީ 2023 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓުން 26 ޖަނަވަރީ 2023ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/80,000ރ (އަށްޑިހަ ހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބިޑުތައް ހުޅުވުން އޮންނާނީ 9 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.