ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް އަމާޒުވުމުން މަގާމުން އިސްތިއުފާދިން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އަމިއްލަ ކުންފުންޔަށް ބިޑު ކާމިޔާބުކުރަން މަގުފަހިވާގޮތަށް ސަރުކާރުން ލޯންޗްތަކެއް ގަންނަން އިއުލާނުކޮށްފިއެވެ.
ސަަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީ އިން އޮކްޓޯބަރު 1 ވަނަ ދުވަހު ކުރި އިއުލާން ބާތިލް ކުރުމަށްފަހު، އޮކްޓޯބަރު 29 ވަނަ ދުވަހު އަލުން އިއުލާން ކޮށްފައި ވަނީ ފަޒުލްގެ ކުންފުނިން ވިއްކާ ސައިޒުގެ 3 ލޯންޗު ގަތުމަށެވެ. ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން ލޯންޗްތައް ގަންނަނީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ބޭނުމަށެވެ. އަދި މި ލޯންޗްތައް ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު 12 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން ބިޑު ހުށަހަޅަން ޖެހެ އެވެ.
ބިޑު ޑޮކިއުމެންޓުގައިވާ ގޮތުން ލޯކަލް ގަވަމަންޓު މިނިސްޓްރީގެ ބޭނުމަށް ހޯދަނީ ފަޒުލް ގެ ކުންފުންޏެއް ކަމަށްވާ ކްރިސްޓަލައިން އެމްވީ އިން ވިއްކާ ވައްތަރުގެ 12.75 މީޓަރު ދިގުމިނުގެ ތިން ލޯންޗެވެ. މީގެ އިތުރުން ވެސް ލޯންޗުތަކުގައި ހުންނަން ޖެހޭ ވަރަށް ތަފުސީލީ ސްޕެސިފިކޭޝަން ތަކެއް ބިޑު ކަރުދާހުގައި ހިމަނާފައިވެ އެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްޕެސިފިކޭޝަންތަކަށް ފެތޭ ލޯންޗުތައް މިވަގުތު ރާއްޖޭގައި ވިއްކަމުން ދަނީ ހަމަ އެކަނި ފަޒުލްގެ ކުންފުނިންނެވެ. ކްރިސްޓަލް އެމްވީ ކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ އަދި ޑިރެކްޓަރަކީ ވެސް ފަޒުލް ކަމަށް މައުލޫމާތު ލިބެ އެވެ.
ފަޒުލްގެ މައްޗަށް ކުރެެވޭ ތުހުމަތު ތަކުގެ ތެގައި، މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތު ހިމެނެއެވެ.
އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވުމުން އެ މައްސަލައިގައި ފުލުހުން ތަހުގީގެއް ވެސް ހިންގި އެވެ. އެގޮތުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާ އިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދި އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ ފައިސާ ފަޒުލްއާ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ އާދަޔާ ހިލާފު ބޮޑު އަގެއްގައި އެޗްޑީސީން ހަވާލު ކުރުމުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެ އެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ. އެއީ ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ރޭޓުގަ އެވެ. މި އަގު އާދަޔާ ހިލާފަށް ބޮޑުކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.
ތުހުމަތުތަކާ ގުޅިގެން މަގާމުން ސަސްޕެންޑް ކުރުމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 21، ގަ އެވެ. އޭގެފަހުން ދުވަސްތަކެއް ވަންދެން ނުފެނި ހުރުމަށްފަހު އޭނާ އެންމެ ފުރަތަމަ ފެނުނީ މެއި 16، ގައި ބޭއްވި ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އިން ނެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކަަށް ފަހުވެސް ފަޒުލް އާ ރައީސް މުއިއްޒުގެ ގުޅުމަށް ހީނަރު ކަމެއް އައިސްފައި ނުވާކަމަށް ގިނަ ފަރާތްތަކަކުން ފާހަގަކުރެއެވެ. ރައީސް މުއިއްޒުގެ ޕީއެންސީ އިން، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވ. އަތޮޅު ޕީއެންސީ ކެމްޕޭން މެނޭޖަރަކަށް ވެސް ހަމަޖައްސާފައިވަނީ ފަޒުލް ރަޝީދެވެ.