ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 13:18
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގުޅިފައިވާ ބަޔާން ދެއްވަނީ
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގުޅިފައިވާ ބަޔާން ދެއްވަނީ
ރައީސް އޮފީސް
ބައިނަލްއަޤުވާމީ ގުޅުންތައް
އިސްކަން ދެއްވަނީ ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކުރުމަށާއި އަވަށްޓެރިންނާ އެކުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް - ރައީސް
ދޭދޭ ޤައުމުތަކާއެކު ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ފައިދާ ދެޤައުމަށް ވެސް ފެންނަމުންދޭ
ހޯދުނު ކުރިއެރުންތަކާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ
އެއްބަސްވެވުނު ލަނޑުދަނޑިތައް ޙާޞިލުކުރާނެ ގޮތްތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް، ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި ވަރަށް އަވަހަށް ބައްދަލުވުންތައް ބާއްވަން ފެށޭނެ

އިސްކަން ދީފައި ވަނީ، ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކުރުމަށާއި އަވަށްޓެރިންނާ އެކުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވީ، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމާޑެކް އައްކާ މޮހާ ސޭނާ ޕަޑެއި ޓެޗޯ ހުން ސެން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއެކޭ އެއްފަދައިން، ކެމްބޯޑިއާއަކީ ވެސް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް ކަމަށެވެ. ތަޖުރިބާ ޙިއްސާކުރުމާއި ފަންނީ ޤާބިލްކަން ކުރިއެރުވުމާއި، ތަމްރީނު ފޯރުކޮށްދިނުން ފަދަ، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ފައިދާ ކުރުވަނިވި ކިތަންމެ ކަމަކުން، ދެޤައުމަށް ވެސް އެއް ބަޔަކު އަނެއް ބައެއްގެ ކިބައިން ދަސްކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ ދެޤައުމަކީ ވެސް އޭޝިއާ ބައްރަށް ނިސްބަތްވާ، ތަރައްޤީވަމުން އަންނަ ދެ ޤައުމު ކަމަށެވެ. ތަރައްޤީވުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކާއި، އެކަންކަމުން އަރައިގަތުމަށް ބޭނުންކުރާ ސިޔާސަތުތަކާއި ވިސްނުންތަކުގައި ވެސް އެއްގޮތްކަމެއް އެބަހުރި ކަމަށެވެ. އަދި ދެޤައުމުން ވެސް އިސްކަން ދީފައި ވަނީ، ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކުރުމަށާއި އަޅުގަނޑުމެންގެ އަވަށްޓެރިންނާ އެކުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދޭދޭ ޤައުމުތަކާއެކު ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ފައިދާ ދެޤައުމަށް ވެސް ފެންނަމުންދާ ކަމަށެވެ.

މިއަދު އަޅުގަނޑާއި ކެމްބޯޑިއާގެ ބޮޑުވަޒީރު، ދެ ޤައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް، ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައިފިން. އެ މަޝްވަރާތަކުގައި އަޅުގަނޑުމެންނަށް ހޯދުނު ކުރިއެރުންތަކާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އަދި މިއަދު އަޅުގަނޑުމެންނަށް އެއްބަސްވެވުނު ލަނޑުދަނޑިތައް ޙާޞިލުކުރާނެ ގޮތްތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް، ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި ވަރަށް އަވަހަށް ބައްދަލުވުންތައް ބާއްވަން ފެށޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ދެ ޤައުމެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިންމު ބަޔަކީ، އެ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައި އޮންނަ ބަދަހި ގުޅުން ކަމަށެވެ. އެހެންކަމުން، ދެޤައުމުގެ މެދުގައި ވިސާ ނެގުމަކާ ނުލައި، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމީ އެކަމާމެދު ނުހަނު އުފާކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިހާރު، ދިވެހިންނަށާއި ކެމްބޯޑިއާގެ ރައްޔިތުންނަށް ވެސް، ވިސާ ނެގުމަކާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ތެރެއިން، ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން، މިއަދުގެ މަޝްވަރާތަކުގައި އަޅުގަނޑު ފާޅުކުރިން. ކެމްބޯޑިއާއަކީ ގިނަ ޢަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއް. އެހެންކަމުން، ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެ އިތުރުން، ޒުވާރިއާއި، މިރުހާއި، ދަނޑިއަލުއްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމުން، ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ބެހޭގޮތުން ވެސް އެ މަނިކުފާނާއެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް