Advertisement
ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 10:49
ދިވެހި ސަރުކާރުން ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން
ދިވެހި ސަރުކާރުން ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން
ރައީސް އޮފީސް
ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ
ދިވެހި ސަރުކާރުން ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި
ރަސްމިއްޔާތު ބާއްވާފައި ވަނީ ހޯމަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައި
ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 07 ބަޑީގެ ސަލާމެއް އެރުވުނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ބާއްވާފައި ވަނީ ހޯމަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 07 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި، ދިވެހިރާއްޖެއާއި ކެމްބޯޑިއާގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

Advertisement

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ކެމްބޯޑިއާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތައްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ކެމްބޯޑީއާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާ އާ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ރަސްމީވާހަކަފުޅުތައް ބާއްވަވާނެއެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކުރައްވައި، މި ދަތުރުފުޅާއި ބެހޭގޮތުން ދެ ޤައުމުގެ އިސްވެރިން ގުޅިފައިވާ ބަޔާނެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ، ކެމްބޯޑިއާ ސަރުކާރުގެ އިސްވެރިޔާ، ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް