ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 10:50
ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި މުޑްރިކް ދައްކާލަނީ
ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި މުޑްރިކް ދައްކާލަނީ
ރޮއިޓާރސް
ޗެލްސީ
ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިކައިލޯ މުޑްރިކް ޗެލްސީ އަށް
 
ޗެލްސީއާއެކު އޭނާ ހެދި އެއްބަސްވުމެއްގެ މުއްދަތު ހަަމަވާނީ 2030 ވަނަ އަހަރު

ޝަކްޓާ ޑޮނެސްކަށް ކުޅެމުން އައި ޔުކްރެއިންގެ ވިންގާ މިކައިލޯ މުޑްރިކް ޕްރިމިއާ ލީގުގެ ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.

ޗެލްސީން މުޑްރިކް ހޯދީ އޭނާ ހޯދުމުގެ މަސައްކަތް ވާދަވެރި އާސެނަލުން ވެސް ކުރަމުން އަންނަނިކޮށެވެ. އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީއާއެކު އޭނާ ހެދި އެއްބަސްވުމެއްގެ މުއްދަތު ހަަމަވާނީ 2030 ވަނަ އަހަރު އެވެ. ޗެލްސީ އޭނާ ހޯދީ 108 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން ޗެލްސީން ފުރަތަމަ ދައްކާނީ 70 މިލިއަން ޑޮލަރެވެ. ބާކީ 38 މިލިއަން ޑޮލަރު އެ ކުލަބުން ދައްކާނީ އެކި ފަހަރު މަތިން ބަހާލައިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މުޑްރިކް ހޯދުމަށް އާސެނަލުން ކުރި މަސައްކަތުގެ ތެރެއިން އެ ކުލަބުން ދެ ބިޑެއް ހުށަހެޅި ނަމަވެސް، ޝަކްޓާ ޑޮނެސްކުން ބޭނުންވާ އަދަދުގެ ބިޑަކަށް ނުވުމުން އެ ކުލަބުން ވަނީ ދެ ފަހަރު ވެސް ހުށަހެޅުން އަނބުރާ ފޮނުވާލާފަ އެވެ.

ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި މުޑްރިކް މިހާރު ވަނީ ދައްކާލައިފަ އެވެ. ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ދައްކާލިއިރު، މުޑްރިކް ދަނޑަށް އެރީ އޭނާގެ ޤައުމި ޔުކްރެެއިންގެ ދިދައާއެކު އެވެ. ޗެލްސީ އަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން މުޑްރިކް ބުނީ އެ ކުލަބަށް އާދެވުނީތީ އޭނާ ވަރަށް އުފާވާ ކަމަށާއި، ޗެލްސީ އަކީ ވަރަށް ބޮޑު ކުލަބެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޕްރިމިއާ ލީގަކީ ވަރަށް މޮޅެތި ކުޅުންތެރިން ކުޅެމުން އަންނަ ލީގެއް ކަމަށާއި، އޭނާގެ ކެރިއަރުގައި ކުރިއަށްދާން ލިބުނީ ރަނގަޅު ފުރުސަތެއް ކަމަށެވެ. އޭނާ ވަނީ ޗެލްސީގެ ކުޅުންތެރިންނާއި ކޯޗު ގްރަހަމް ޕޮޓާއާއެކު ކުރިއަށް ދާން ތައްޔާރަށް ހުރި ކަމަށް ވެސް ބުނެފަ އެވެ.

މުޑްރިކް ވަނީ ޝަކްޓާ ޑޮނެސްކަށް 44 މެޗު ކުޅެދީ 12 ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ ލޯނުި އެއްބަސްވުމެއްގެ ދަށުން އިތުރު ދެ ކުލަބަކަށް ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް