ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 08:51
ރައީސް އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރައީސް އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ދައުރު ނިންމާފައި ގޭގައި ހުންނަން ފަސޭހަ، މިނުކުތީ ޕާޓީއަށްޓަކައި ވައުދުތައް ފުއްދަން - ރައީސް
ޕާޓީއަށްޓަކައި އަޅުގަނޑުމެންވި ވައުދުތައް ފުއްދުމަށްޓަކައި މިކަން ކުރަން އެބަޖެހޭ
ވެރިކަން އެހެން ބަޔަކަށް ލިބިއްޖެއްޔާ ވެގެންދާނެގޮތް ވަރަށް ސާފު
ދެވަނަ ފަހަރަށް މަގުމައްޗަށް ނުކުމެ، 6 އަހަރު 7 އަހަރު މަގުމަތީގައި އެހެން ތިބުމަކީ ސިޔާސީ ޕާޓީއަކަށް އަބަދު ކުރަން ހެޔޮވާވަރު ކަމެއް ނޫން

ރިޔާސީ ދައުރެއް ނިންމާ، ގޭގައި ހުންނަވަން ފަސޭހަފުޅުވާނެ ކަމަށާއި، ނަމަވެސް އިތުރު ދައުރަކަށް ކުރިމަތިލައްވަން ނުކުންނެވީ ޕާޓީއަށްޓަކައި އަދި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން އައްޑޫ ސިޓީގައި ސަޕޯޓަރުންނާއި ވާހަކަފުޅުއްދައްކަވަމުން ރައީސް ވިދާޅުވީ އެއް ދައުރު ނިންމަވާފައި ގޭގައި ހުންނަވަން ވަރަށް ފަސޭހަފުޅުވާނެ ކަމަށެވެ.

އެއްވެސް ކަމެއް ނޫން. އަޅުގަނޑު މަޖިލީހުގައި 25 އަހަރު އުޅެފިން. ރިޔާސީ ދައުރެއް ނިމުނީ. ދެން ކީއްކުރަންތޯ. އެހެންނަމަވެސް ޕާޓީއަށްޓަކައި އަޅުގަނޑުމެންވި ވައުދުތައް ފުއްދުމަށްޓަކައި މިކަން ކުރަން އެބަޖެހޭ. މިކަން ކުރަން އޮތް ގޮތަކީ ގިނަބައެއްގެ ތާއިދާއެކީގައި މިކަން ކުރުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ އެހެން މަގެއް އެބައޮތް ކަމަށާއި، ވެރިކަމަށް އާދެވޭނެ ގޮތް އެބައޮތް ކަމަށާއި، ވެރިކަމަށް އައިސް ކަންތައް ކުރެވޭ ތަން ފެންނަން އެބަހުރި ކަމަށެވެ. ރައީސް ވަނީ އެހެން ގޮތެއް ހިޔާރުކުރަންވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

ރައީސް ވިދާޅުވީ ވެރިކަން އެހެން ބަޔަކަށް ލިބިއްޖެއްޔާ ވެގެންދާނެގޮތް ވަރަށް ސާފުކަމަށެވެ. ދެވަނަ ފަހަރަށް މަގުމައްޗަށް ނުކުމެ، 6 އަހަރު 7 އަހަރު މަގުމަތީގައި އެހެން ތިބުމަކީ ސިޔާސީ ޕާޓީއަކަށް އަބަދު ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ސުލްހަޔާއި ހަމަޖެހުން ބޭނުންވަނީ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތައް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރަދޫ ފޭދޫ އޮތީ އެމްޑީޕީގެ ޕްރައިމަރީއަށް ފައްކާވެފައި ކަމަށެވެ. އަދި ޕްރައިމަރީގައި އެ ދާއިރާއިން ބޮޑު އަގުލަބިއްޔަތު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް