Advertisement
ކ. މާލެ
|
15 ޖެނުއަރީ 2023 | އާދީއްތަ 12:16
ސެނާ ޕަޑައި ޓެކޯ ހުން ސެން ހެނދުނު ރާއްޖެ ވަޑައިގަތުން
ސެނާ ޕަޑައި ޓެކޯ ހުން ސެން ހެނދުނު ރާއްޖެ ވަޑައިގަތުން
ރައީސް އޮފީސް
ރާއްޖެ- ކެމްބޯޑިއާ
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވައިފި
އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި
ދިވެހިރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ، 21 ސެޕްޓެމްބަރު 1995 ގައި

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ހެނދުނު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކެމްބޯޑިއާގެ ބޮޑު ވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދެވެ.

އާދިއްތަ ދުވަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުއެވެ.

Advertisement

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ހަމައެހެންމެ މި ދަތުރުފުޅުގެ ހަވާސާގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހަރުދަނާކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ޤައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅު މި މަހުގެ 17 އާއި ހަމައަށް ދެމިގެންދާނެއެވެ.

ދިވެހިރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް