ދެމެހެއްޓެނިވި ތަރައްގީއަކީ މުޖުތަމައުގެ ސުލްހައާއި ހަމަޖެހުމާއެކުގައި ހާސިލު ކުރެވޭނެ ކަމެއް ކަމަށާއި އެ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރަނީ ފުލުހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަސްވެނިވެ، ހިނގާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، ފުުހުންނަކީ މުޖުތަމައުގެ އެއްބައި ކަމަށާއި ރައްޔިތުން ފުލުހުންނާ މެދު ކުރަމުން އަންނަ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން ރައީސް ވަނީ ދަސްވެނިންނަށް އިރުޝާދު ދެއްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ފުލުހުންނާ މެދު ކުރަމުން އަންނަ އެންމެ ބޮޑު އުއްމީދަކީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމް ކޮށްދިނުމެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ އެންމެ މުހިންމު ޒިންމާއަކީ ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުން ކަމަށާއި ފުލުހުންގެ އެންމެ އިސް އެއް ވާޖިބަކަށް ވާން ޖެހޭނީ ރައްޔިތުންގެ އިންސާނީ ޙައްގުތައް ރައްކާތެރިކުރުން ކަމަށެވެ. ވަޒީފާއަށް ނުކުންނައިރު އެގޮތަށް އަމަލުތައް ބެހެއްޓުމަށާއި ރައްޔިތުން ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތްތައް ފުޅާ ކުރުމަށް ޒަމާނީ ތަމްރީން ހޯދައިދިނުމަކީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެއް ކަމަށާއި އެފަދަ ތަމްރީނުތަކާއެކު ޚިދުމަތަށް ނުކުންނައިރު އެ ފެންވަރުގެ ވަސީލަތްތައް ވެސް ހުންނަން ޖެހޭނެ ކަމަށެވެ. އެ މަސައްކަތްތައް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތައްކެއް މިހާރު އެބަކުރެވޭ. އަދި އެއްގަމާއި ކަނޑު އުޅަނދުތައް ހޯދައިދިނުމަށް ވެސް މިއަންނަނީ މަސައްކަތްތަކެއް ކުރަމުން،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ފުލުހުން ޚިދުމަތް ދެމުން އަންނަނީ ގިނަ ގޮންޖެހުންތަކާއެކުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ގޮންޖެހުންތަކާއެކު ވެސް ފުލުހުން އަދާކުރަމުންދަނީ ވަރަށް ފުރިހަމަ ދައުރެއް ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޕްރޮފެޝަނަލްކަމާއި ގާބިލުކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށާއި އިންޓަޕޯލްގައި ވެސް ބައިނަލްއަގުވާމީ ސުލްހައާއި ހަމަޖެހުން ގާއިމް ކުރުމުގައި ދިވެހި ފުލުހުން އެހެން ޤައުމުތަކަށް ނަމޫނާ ދައްކަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެއްޗަކީ އަދިވެސް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ވިޔަފާރިއާއި އެތަކެތި އެތެރެކުރުން ހުއްޓުވުމަށް އިދާރާތަކުން ފުރިހަމަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި އެފަދަ މައްސަލަތަކާ މެދު ހޭލުންތެރިވުން އިތުރުވާ ވަރަކަށް މައްސަލަތައް ސިއްރުނުކޮށް ރިޕޯޓް ކުރާ އަދަދު އިތުރުވެ، އެކަންކަން ހުއްޓުވުމަށް ފުލުހުންނަށް ފަސޭހަވެގެންދާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.