ކ. މާލެ
|
14 ޖެނުއަރީ 2023 | ހޮނިހިރު 15:54
ރާއްޖޭގައި ބޭއްވި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު
ރާއްޖޭގައި ބޭއްވި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު
އެމްއެންޑީއެފް
ރާއްޖޭގެ ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް
ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފި
މިއީ ޔޫރަޕިއަން ޔޫނިއަންގެ މެރިޓައިމް ދާއިރާއަށް ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށްވާ، އީޔޫ ކްރިމާރީއޯއިިން އިންތިޒާމުކޮށްގެން ހިންގި ކޯހެއް
މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދިނީ ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުން
ޖުމްލަ 12 އޮފިސަރުން ތަމްރީންކުރި

ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފިއެވެ.

މިއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެރިޓައިމް ދާއިރާއަށް ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮޖެކްޓް ކަމަށްވާ, އީޔޫ ކްރިމާރީއޯއިިން އިންތިޒާމުކޮށްގެން، ޕްރެންޗް ޒުންޑާމުރީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގި ކޯހެކެވެ. މި ކޯސް ނިންމާލުމުގެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ހިލްމީއެވެ.

މި މަހުގެ 3ން 13އަށް ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފް ކަލާސީނު ކޮށީގައި ކުރިއަށްގެންދިޔަ މިކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 6 އޮފިސަރުންގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑާއި ސްރީލަންކާ ނޭވީގެ 6 އޮފިސަރުންނާއެކު ޖުމްލަ 12 އޮފިސަރުން ބައިވެރިވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފްރެންޗް ޒުންޑާމުރީގެ ފަރާތުން ވަނީ ރާއްޖެއަށާއި ސްރީލަންކާއަށް އަންޑަރ ވޯޓަރ ކެމެރާއެއް ހަދިޔާކޮށްފައެވެ.

ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް އިބްރާހީމް ހިލްމީ ވަނީ، މިފަދަ ކޯހެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ކޯހުގެ މުހިންމުކަމާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތީ ބާރުތަކަށް މި ކޯހުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ކޯހުގެ ބައިވެރިންނަށް ކިޔަވައިދިނީ ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުންނެވެ. އެގޮތުން މޫދުގައި ނުވަތަ ކަނޑުއަޑީގައި ހިންގާ ގާނޫނާ ޚިލާފު ތަފާތު އަމަލުތަކުގެ ތަހުގީގަށް ބޭނުންވާ ހެތްކާއި ގަރީނާ ހޯދާނެ ގޮތުގެ އިލްމު މި ކޯހުގެ ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. މިކޯހުގައި "ނޮލެޖް އެންޑް އަންޑަރސްޓޭންޑިންގ އެބައުޓް ދި އަންޑަރ ވޯޓަރ ސައިންޓިފިކް ޕޮލިސް" އާއި "ޑައިވަރސް ތުރޫ ޓު ކެރީ އައުޓް ޑީއެންއޭ ސާމްޕަލްސް، ފިންގަރޕްރިންޓް ރީޑިންގސް، ޑައިވިންގ އެކްސިޑެންޓްސް، ޕްލޭން އެކްސިޑެންޓްސް މެރިޓައިމް އެކްސިޑެންޓްސް އެންޑް ބެލިސްޓިކްސް"ގެ އިތުރުން، ސައިންޓިފިކް ލެބޯޓަރީތަކުގައި އެވިޑެންސް ޕްރޮސެސްކުރާނެ ގޮތް ވަނީ ކިޔަދީފައެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އީޔޫ ކްރިމާރީއޯގެ އިސް ބޭފުޅުންނާއި ކޯހުގެ ކިޔަވައިދެއްވި ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުންގެ އިތުރުން، ކޯހުގެ ބައިވެރިވި ރާއްޖޭގެ ކޯސްޓްގާޑް އަދި ސްރީލަންކާގެ ނޭވީއާއި ކޯސްޓްގާޑުގެ ބޭފުޅުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ބައެއް އޮފިސަރުންވެސް ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް