ކ. މާލެ
|
14 ޖެނުއަރީ 2023 | ހޮނިހިރު 14:33
ފޭދޫ ސްކޫލްގެ ރަންޔޫބީލް ޖަލްސާގެ ތެރެއިން
ފޭދޫ ސްކޫލްގެ ރަންޔޫބީލް ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ފޭދޫ ސްކޫލްގެ ކުރިމަގު
ފޭދޫ ސްކޫލްގެ އާ އިމާރާތަށް ބޭނުންވާ ބިން ހަވާލުކޮށްފި
 
އެ ސްކޫލްގައި 10އަހަރާއި 15އަހަރުގެ މުއްދަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައިވޭ
 
ފޭދޫ ސްކޫލްގައި މިވަގުތު 581 ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުން ދޭ
 
ފޭދޫ ސްކޫލްގައި ރަސްމީކޮށް ކިޔަވައިދޭން ފަށާފައިވަނީ 1972 ވަނަ އަހަރު

އައްޑޫ ސިޓީގެ ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކާ އައު ސްކޫލެއް އެޅުމަށް ބޭނުންވާ ބިން އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަންޔޫބިލް ހަފްލާގައި ފޭދޫ ސްކޫލްގެ އާ އިމާރާތް އަޅަން ބޭނުންވާ ބިން ރަމްޒީގޮތުން އެޑިއުކޭޝަން މިނިސްޓްރ ޑރ.އައިޝަތު އަލީއާއި ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ. ފޭދޫ ސްކޫލްގެ އައު ޢިމާރާތް އެޅުމަށް ބޭނުންވާ ބިން ހަމަޖައްސާދީފައި ވަނީ އެ އަވަށުގައި ހިއްކާފައިވާ ސަރަޙައްދުންނެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ވިދާޅުވީ، 2022 ވަނައަހަރުގެ މަރޗް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ފޭދުއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ގިނަ ރައްޔިތުން އެދުނު ކަމަކީ ފޭދޫގައި އައު ސްކޫލެއް އަޅައިދިނުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން އައު ސްކޫލްގެ މަސައްކަތަށް ބޭނުންވާ ފައިސާ، މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ތަނުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށާއި އެ ސްކޫލް ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ސްކޫލަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފޭދޫ ސްކޫލަށް 50 އަހަރު ފުރުން ކުލަ ގަދަކޮށް ވަނީ ފާހަގަކޮށްފައެވެ. އެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އެމަނިކުފާނު އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ފޭދޫ ސްކޫލަށް ވަޑައިގަތުމުން، ސްކޫލް ކެޑޭޓްކުދިން ވަނީ އެމަނިކުފާނަށް އޮނަރގާޑެއް އަރުވާފައެވެ.

ފޭދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ސްކޫލްގެ ފަރާތުން ރައީސް ޞާލިހު އާއި އެޑިއުކޭޝަން މިނިސްޓަރަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އޭގެ ތެރެއިން ރައީސް އަށް އަރުވާފައިވާ ހަނދާނީ ފިލަޔަކީ ފޭދޫ ސްކޫލްގެ ކުރިއެރުމާއި އުމްރާނީ ތަރައްޤީ އަށް ދެއްވާ ޚާއްސަ ސަމާލުކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި ފޭދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވާތީ އަރުވާފައިވާ ފިލައެކެވެ. އެޑިއުކޭޝަން މިނިސްޓަރަށް އަރުވާފައިވާ ފިލަޔަކީ އެކަމަނާ ފޭދޫ ސްކޫލްގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުންނާއި ފޭދޫ ސްކޫލްގެ ރަންޔޫބީލް ހަފްލާގައި ބައިވެރިވެވަޑައިގަންނަވާތީ އެކަމުގެ ޝަރަފުގެ އެރުވި ފިލައެކެވެ.

އެ ޖަލްސާގައި ފޭދޫ ސްކޫލަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ހަދާނީ ފިލާ ވަނީ ދީފައެވެ. އެގޮތުން އެ ސްކޫލްގައި 10އަހަރާއި 15އަހަރުގެ މުއްދަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. އަދި އެ ޖަލްސާގައި ދަރިވަރުންގެ ޚާއްސަ ހަރަކާތެއް ވެސް ހުށަހަޅާދީފައިވެއެވެ.

ފޭދޫ ސްކޫލްގައި ރަސްމީކޮށް ކިޔަވައިދޭން ފަށާފައިވަނީ 1972 ވަނަ އަހަރުއެވެ. ފޭދޫ ސްކޫލްގައި މިވަގުތު 581 ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދެއެވެ. އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 37 ދަރިވަރުން އެބަތިއްބެެވެ. އެ ސްކޫލްގައި 70އަށްވުރެ ގިނަ މުދަރިސުން ކިޔަވައިދެމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް