Advertisement
ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 20:01
މެމްބަރު އަސްލަމް
މެމްބަރު އަސްލަމް
ރާއްޖެއެމްވީ
އަސްލަމްގެ ތައުރީފް ރައީސް ޞާލިހު އަށް
ރައީސް ޞާލިހު އަށް ވުރެ ބޮޑަށް އެމްޑީޕީގެ ސިޔާސީ ހަމަތަކާއި ސިޔާސީ އުސޫލުތަކެއް ދައްކަވާދެއްވާނެ ލީޑަރެއް ނެތް: އަސްލަމް
ޕާޓީ އަށް 17 އަހަރު ވެގެންދާ އިރު ހުންނެވީ އޮޅުމެއްގެ ތެރޭގައި ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ
ޤާނޫނުތައް ހެދުމުގައި 25 އަހަރު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސް ޞާލިހު ކުރައްވާފައިވާ މަސައްކަތްތަކަށް ވެސް އަސްލަމް ތައުރީފްކުރެއްވި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ވުރެ ބޮޑަށް އެމްޑީޕީގެ ސިޔާސީ ހަމަތަކާއި ސިޔާސީ އުސޫލުތަކެއް ދައްކަވާދެއްވާނެ ލީޑަރެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު އަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯދުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، ޕާޓީ އަށް 17 އަހަރު ވެގެންދާ އިރު ހުންނެވީ އޮޅުމެއްގެ ތެރޭގައި ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީ ރަސްމީކޮށް އުފަން ވުމުގެ ކުރިން ވެސް ރައީސް ޞާލިހު އަކީ އެމްޑީޕީ އާއި ޑިމޮކްރަސީ އަށްޓަކާ, އެމްޑީޕީ އަށް ދިމާވި އެންމެ އުނދަނގޫ ދުވަސްވަރު އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ޤާނޫނު އަަސާސީގެ މަސައްކަތުގައި އިސްކޮށް ރައީސް އުޅުއްވިކަން އަސްލަމް ފާހަގަކުރެއްވިއެވެ. ޤާނޫނުތައް ހެދުމުގައި 25 އަހަރު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައީސް ޞާލިހު ކުރައްވާފައިވާ މަސައްކަތްތަކަށް ވެސް އަސްލަމް ތައުރީފްކުރެއްވިއެވެ. އެެހެންކަމުން އެމްޑީޕީ އަށް ސިޔާސީ ހަމަތަކާއި ފިކުރު ބުނެދެވޭނެ، އަދި ޚިދުމަތް ދިނުމުގައި ރައީސް ޞާލިހު އަށް ވުރެ ރަނގަޅު ބޭފުޅެއް ނެތް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިހު އަކީ ވެރިކަމުގެ ޝަރަފާއި ލައްޒަތު ބޭނުންވާ ބޭފުޅެއް ނޫން ކަމަށާއި އެ ނިންމުމަކީ އެމްޑީޕީ ވެރިކަމުގައި ދެމި އޮތުމަށް ބޭނުންވާތީ ނިންމެވި ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

Advertisement

ރައީސް ޞާލިހު އަކީ އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ފަރާތްތައް ނޫން ކަމަށް ބުނާތީ އަސްލަމް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އަސްލަމް ވިދާޅުވީ އެމްޑިޕީ އަކީ އެމަނިކުފާނު ވަރަށް ލޯބިވާ އެ ޕާޓީއަކަށްޓަކާ ޚިދުމަތްކޮށްދޭން ބޭނުންވާ ޕާޓީ އެއް ކަަމަށެވެ. އެހެންކަމުން އެމްޑީޕީގެ ތެރޭގައި އިތުރު ފިކުރެއް އުފެދިފައިވާ ކަމަށް ބުނާތީ ކަންބޮޑުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވަނީ އެފަދަ ފަރާތްތަކުން ބުނާ ދެވަނަ ފިކުރަކީ ކޮބާތޯ ސުވާލު އުފައްދަވާފައެވެ. އަދި ރައީސް ޞާލިހުގެ ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ވާއިރު އެއީ އެ ނޫން ފިކުރަކަށް ވާންވީ ސަބަބަކީ ކޮބާތޯ އަސްލަމް ވަނީ ސުވާލުކުރައްވާފައެވެ.

ތިޔަ ވިދާޅުވާ ފިކުރަކީ ކޮބާތޯ؟ އަޅުގަނޑުމެންނަށް ނާންގާ އެހެން ފިކުރެއް ގެންގުޅުއްވަނީތޯ؟ އަޅުގަނޑެމެންނަށް އެނގޭ އެމްޑީޕީގެ ފިކުރަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ލިޔެ ބަޔާންކޮށްފައިވާ އަސާސްތައް. އަދި އެމްޑީޕީގެ ވެބްސައިޓުން މިހާރު ބައްލަވާލެއްވިޔަސް އެމްޑީޕީ އިން ގަބޫލުކުރާ އަސާސްތައް ފެނިވަޑައިގަންނަވާނެ. މިއިން ކޮން ކަމަކާ ކޮން ފިކުރަކާތޯ އަޅުގަނޑުމެން ހިލާފުވީ. ރައީސް ވެރިކަން ކުރައްވަނީތޯ އަޅުގަނޑުމެންނަށް ވެސް ނުފެންނަ ގޮތަށް. ރައްޔިތުންނަށް ވެސް ނުފެންނަ ގޮތަށް.
އަސްލަމް

އެމްޑީޕީގެ އަސާސީ ގަވައިދުތަކުގައި ލިޔެ ބަޔާންކޮށްފައިވާ ފިކުރު ނޫން އެހެން ފިކުރެއްގެ ދިރުމުގެ ވާހަކަތައް ދެއްކުމަކީ އެހެން ޕާޓީއެއް އުފެއްދުމުގެ ވާހަކަދެއްކެވުން ކަމަށް އަސްލަމް ވަނީ ސިފަކުރައްވާފައެވެ. އެމްޑީޕީ މި ހިސާބަށް އައީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި އެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އަކީ އެ ފިކުރަށްޓަކާ މަސައްކަތްކުރި އެންމެންގެ ފިކުރު އޮތް ޕާޓީ އެއް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސާލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދެވެ. އެ ދެ ބޭފުޅުން ވެސް މިހާރު ގެންދަވަނީ އަތޮޅުތަކަށް ދަތުރުކުރައްވާ ކެމްޕޭން ކުރައްވަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް