އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންނަށް ޚިދުމަތް ދޭން ބޭނުންވާތީކަމަށާއި، އެކަން ކުރެވޭނީ ސަރުކާރުގައި ހުންނަވައިގެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ނ. ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ ކޮން ސަބަބަކާހުރެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަފާނެ ކަަމަށެވެ. ޕްރައިމަރީގައި ވާދަކުރައްވަނީ، ރައްޔިތުންނަށް ޚިދުމަތް ދެވޭނީ ސަރުކާރުގައި ތިބެގެން ކަމަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިދިކޮޅުގައި ތިބޭއިރު ތިބެން ޖެހެނީ ޝަކުވާކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. ވައުދުތައް ފުއްދޭނީ ވެރިކަމުގައި ތިބެގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންވީމައި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ފިކުރު އޮތްގޮތުން އެކަނި އެއް ޕާޓީއަކަށް ވެރިކަން ނުލިބޭނެ ކަމަށެވެ.
ތެދެއް ވަރަށް ބޮޑު ޕާޓީއެއް އެމްޑީޕީއަކީ. %48، %49ށް ބައެއް ފަހަރު ދެވިދާނެ. ނަމަވެސް ވެރިކަމެއް ލިބެނީ ވޯޓުލާ ބައެއްގެ %50 ލިބިގެން. އެކަމެއް އެމްޑީޕީއަކަށް ނެތް އަދި ކުރެވިފަ. ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް އެނގިވަޑައިގަންނަވާނެ. މިހާރުވެސް އޮތީ އެހެން.ރައީސް ސާލިހު
ރައީސް ވަނީ ކުރިއަށް އޮތް ޕްރައިމަރީ ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް ދޭ ވޯޓަކީ ގެއްލިގެން ދާނެ ވޯޓެއް ނޫން ކަމަށެވެ. އެ މަނިކުފާނު އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވާނެ ކަަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ މި ސަރުކާރުން ކުދި އާބާދީތަކަށްވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ އެއްވެސް ކަމަކީ ގެއްލިގެންދާ ބޭކާރު އެއްޗެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްކުރައްވާނީ އެއްވެސް ބަޔަކު ބާކީ ނުކުރައްވަންކަން ރައީސް ވަނީ ފާހަގަކުރައްވާފަައެވެ.