Advertisement
ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 09:33
ރައީސް ރ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވަނީ
ރައީސް ރ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅު
ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
މިހާރު ނުނިމި އޮތް ކަމަކީ، އެއަރޕޯޓް އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ

ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ރ. އަލިފުއްޓަށް ވަޑައިގެން އެ އަތޮޅު ކައުންސިލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މިބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމާއި، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތް ހެދުމާއި، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކު ދިޔުމަށް 3 ރަށެއް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގޭ މަޝްރޫޢުތައް އިތުރަށް ހަލުވި ކުރަންޖެހިފައިވާކަމަށާއި، ތާރީޚީ ރަށެއްގެ ގޮތުގައި ރ. ކަނދޮޅުދޫ ތަރައްޤީކުރުމަށް، ރ. ކަނދޮޅުދޫ އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވުމަށް، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

Advertisement

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރ. އަތޮޅު ކައުންސިލާއި ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީވެސް އަތޮޅުގައި މިހާރު ހިންގޭ މަޝްރޫޢުތަކާއި އަދި ރޭވިފައިވާ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުން ކަމަށެވެ. އެގޮތުން، ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި، އެކަމާގުޅިގެން މިހާރު ނުނިމި އޮތް ކަމަކީ، އެއަރޕޯޓް އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އެންމެ އަވަހަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެން ދާނެ ސަރަޙައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނިގެންދާނެކަމަށެވެ. އަދި ކުރިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރ. އުފުލަންދޫ ސަރުކާރަށް ނަގާފައިވާ ކަމަށާއި އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އެރަށް އަލުން ދޫކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަތޮޅު ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް