ނ. ކެނދިކުޅުދޫއާއި ޅ. ހިންނަވަރުގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މި ދެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި ވަނީ ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލެވެ.
18 މަސްދުވަހުން ނިންމާގޮތަށް މަސައްކަތް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، ހިންނަވަރާއި ކެނދިކުޅުދޫގައި 30 އެނދުގެ ދެ ހޮސްޕިޓަލް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކޮމަޑޭޝަން ބިލްޑިންގާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރވިސަސް ބިލްޑިންގެއް އެ ދެ ރަށުގައިވެސް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނ. ކެނދިކުޅުދޫ 30 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫއަށް ޖުމްލަ 193 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ޅ. ހިންނަވަރުގެ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތަށް ޖުމްލަ 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެެވެ.