ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 15:49
އިލެކްޝަންސް ކޮމިޝަން- ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުން
އިލެކްޝަންސް ކޮމިޝަން- ސިޔާސީ ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވެއްދުން
ރާއްޖެއެމްވީ
ޕާޓީތަކުގެ ދަފްތަރު
އިނގިލީގެ ނިޝާން ނެތިގެން އެކި ޕާޓީތަކުގެ ދަފްތަރުން މެމްބަރުން އުނިވެފައިވޭ
 
ޑީއާރުޕީން 10,016، އަދި ޢަދާލަތުން 2425 މެމްބަރުން އުނިކޮށްފައިވޭ
 
އެމްޑީޕީން 21,013 މެމްބަރުން އުނިކޮށްފައިވޭ
 
ފިންގަރ ޕްރިންޓް ޖަހަން ލާޒިމްކޮށް ޤާނޫނަށް ބަދަލު ގެނެސްފައިވޭ

ފިންގަރޕްރިންޓް ނެތިގެން އެކި ޕާޓީތަކުގެ ދަފްތަރުން މެމްބަރުން އުނިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއަށް ވަންނަން އެދޭ ފޯމުގައި ފިންގަރ ޕްރިންޓް ޖަހަން ލާޒިމްކޮށް ޤާނޫނަށް ބަދަލު ގެނައުމާ ގުޅިގެން އެކި ޕާޓީތަކުގެ މެމްބަރުން ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

އެގޮތުން ބަލާއިރު، އެންމެ ގިނަ މެމްބަރުން އުނިކޮށްފައިވަނީ އެމްޑީޕީންނެވެ. އެމްޑީޕީން 21,013 މެމްބަރުން އުނިކޮށްފައިވާއިރު، ޑީއާރުޕީން 10,016، އަދި ޢަދާލަތުން 2425 މެމްބަރުން އުނިކޮށްފައިވެއެވެ.

އޭގެ އިތުރުން، ޖޭޕީން 2641 މެންބަރުން ފިންގަރ ޕްރިންޓް ނެތިގެން، އީސީ ގެ ދަފްތަރުން އުނިކޮށްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

ޤާނޫނު ނަންބަރު 2013/4 ( ސިޔާސީ ޕާޓީގެ ޤާނޫނު ) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ، އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި އެ ޕާޓީއެއްގެ އަސާސީ ގަވާއިދާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި އެމީހެއްގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، ޢުމުރާއި، އިނގިލީގެ ނިޝާނާއި، ސޮއި އަދި ސޮއިކުރި ތާރީޚު އެނގެން އޮންނަގޮތަށް ހުށަހަޅާފައިވާނަމަ ކަމަށެވެ.

އެހެންނަމަވެސް، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެފައިވާ ފަރާތެއްނަމަ، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އެ މަޢުލޫމާތާއި ތަކެތި ހުށަހަޅައި އެކަންކަން ފުރިހަމަކުރުމަށް ޤާނޫނުން ފުރުސަތު ދީފައިވެއެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވަނީ އެ މުއްދަތުގެ ތެރޭގައިވެސް އެ މަޢުލޫމާތާއި ތަކެތި ހުށަހަޅާފައިނުވާނަމަ، އެފަދަ މީހެއް އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އެގޮތުގެ މަތިން ގިނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މެމްބަރުން ވަކިކޮށްފައިވާއިރު، އީސީން އަމަލުކުރާނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އީސީން އަމިއްލައަށް ޕާޓީތަކަށް މެންބަރުން ވައްދައި، ނުވަތަ ވަކިކޮށް ނުހަދާނެ ކަމުގެ ޔަޤީންކަން އެ ކޮމިޝަނުން ވަނީ ދީފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
50%
0%
0%
ކޮމެންޓް