މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި 22 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ.
މި ކޭމްޕް ނިންމުމުގެ ގޮތުން ކ.ގިރިފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ޑިފެންސް މިނިސްޓަރު ވަނީ ކޭމެޕްގެ ކެޑޭޓުންނާއި މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މިރަސްމިއްޔާތުގައި ޤައުމީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ތެރެއިން ވަނަވަނައަށް އައި ދަރިވަރުންގެ އިތުރުން ކޭމްޕްގެ އެންމެ މޮޅު 10 ކެޑޭޓުންނަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ވެސް މިނިސްޓަރު މާރިޔާއެވެ.
މި ކޭމްޕްގައި ކިޔަވައިދެވުނު މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަޙްމަދު ފާލިޙު ޢަބްދުލް މުޙުސިން އެވެ. އެންމެ މޮޅު ފިރިހެން ދަރިވަރަކަށް މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަމްޖަދު ޚާލިސް ޝަރީފް ހޮވިފައިވާއިރު އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންގެ ކެޑޭޓް ޕްރައިވެޓް އައިޝަތު ޒަރާ އަޙްމަދު ޒިރާން އެވެ. އެއް ވަނަ ޕްލެޓޫނަކަށް ހޮވިފައިވަނީ މައިކް ޕްލެޓޫނެވެ. މިރަސްމިއްޔާތުގައި ކެޑޭޓުންނަށް ޢަޒުމް ލައިދެއްވީ ޤައުމީ ކެޑޭޓް ކޯރގެ ޑައިރެކްޓަރ އެޑްމިން އެންޑް ލޮޖިސްޓިކް ކެޑޭޓް ރިފާން ޢަލީ ވަޙީދު އެވެ.
ޤައުމީ ކެޑޭޓް ކޯރއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖު ޕްރޮގްރާމްގެ ދަށުން މި ކޭމްޕްގައި އިންޑިއާގެ 4 ކެޑޭޓުންނާއި ނޭޕާލުގެ 4 ކެޑޭޓުން ވަނީ ބައިވެރިވެފައެވެ.
ކެޑޭޓް ކޭމްޕް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އަސްކަރީ ހުނަރުތައް އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައަޅާ ބައެއް އަސާސީ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމާއި، ރިވެތި އަޚްލާޤާއި ސްލޫކު އަށަގެންނެވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން ޤައުމީ ރޫހު އުފައްދާ ދިރުވުން ވެސް ހިމެނެވެ. މީގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުން ވެސް މިކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެވެ.
މިއަހަރުގެ ކެޑޭޓް ކޭމްޕްގައި ކިޔަވައިދީފައިވާ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، އަންއާރމް ކޮމްބެޓް، ލީޑަރޝިޕް، ފަޔަރ ފައިޓިންގ، އަދި މެރިޓައިމް ސްޓަޑީޒްގެ މަޢުލޫމާތު ހިމެނެވެ. މީގެ އިތުރުން ކެޑޭޓް ކޭމްޕްގެ ދަރިވަރުން އިސްލާމްދީނަށް އަހުލުވެރި ކުރުވުމަށްޓަކައި ދީނީ ދަރުސްތައް ދީފައިވެއެވެ. އަދި ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް މިކޭމްޕްގެ ބައެއްގެ ގޮތުގައި ފަސްވަގުތު ނަމާދުކުރުމުގެ އާދަ އުނގަންނައި ދީފައިވެއެވެ.
މި ކެޑޭޓް ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 33 ސްކޫލަކުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި މާލޭގެ 13 ސްކޫލްއާއި އަތޮޅުތަކުގެ 20 ސްކޫލްގެ ކެޑޭޓުން ބައިވެރިވިއެވެ. މި ކޭމްޕުގައި ޖުމްލަ 117 ކެޑޭޓުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 60 ފިރިހެން ކެޑޭޓުންނާއި 57 އަންހެން ކެޑޭޓުން ހިމެނެއެވެ.
މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ޑިފެންސް މިނިސްޓަރުގެ އިތުރުން ޤައުމީ ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ އަދި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި މިލިޓްރީ ސެކެރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކެރެޓަރީ ޢަލީ އަޙްމަދާއި ޤައުމީ ކެޑޭޓް ކޯރގެ ޑައިރެކްޓަރ ޖެނެރަލް ކެޑޭޓް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު އިޝާނާއި ޤައުމީ ކެޑޭޓް ކޯރގެ އެސިސްޓެންޓް ޑައިރެކްޓަރ ޖެނެރަލް ކެޑޭޓް ލެފްޓިނަންޓް ކާނަލް މުޙައްމަދު ސުޒިލް ހިމެނެވެ. މީގެ އިތުރުން ކޭމްޕް ކޮމާންޑަރ ކެޕްޓަން ޢަބްދުﷲ ނައުޝާދާއި ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ނާސިރުގެ އިތުރުން އެމްއެންޑީއެފްގެ ބައެއް އޮފިސަރުންނާއި ޤައުމީ ކެޑޭޓް ކޯގެ ބައެއް އޮފިސަރުންގެ އިތުރުން ކެޑޭޓް ކުދިންގެ ބެލެނިވެރިންނާއި ސްކޫލްތަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.