ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 12:40
ކުޑަ ކާއްޓޭ އާއި އެޑަމް އަށް މަރުޙަބާ ކިޔުމުގެ ތެރެއިން
ކުޑަ ކާއްޓޭ އާއި އެޑަމް އަށް މަރުޙަބާ ކިޔުމުގެ ތެރެއިން
ޔޫތު މިނިސްޓްރީ
ސެންޓްރަލްޒޯން ބީޗް ވޮލީ މުބާރާތް
ރަން މެޑަލާއެކު ކުޑަކާއްޓޭ އާއި އެޑަމަށް ހޫނު މަރުހަބާ އެއް
 
ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ކުރިއަށް ދިޔަ މުބާރާތުގެ ރަން މެޑަލް ރާއްޖެއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

އޭޝިޔަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ ރަން މެޑަލް ހޯދި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ރާއްޖެ އަތުވެއްޖެ އެވެ.

ކުޑަކާއްޓޭ އާއި އެޑަމް ރާއްޖެ އައިސްފައިވަނީ އާދިއްތަ ދުވަހުގެ ރޭ އެވެ. ދެ ކުޅުންތެރިންނަށް މަރުޙަބާ ދެންނެވުމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފާއި، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރުގެ އިތުރުން ކުޅިވަރުގެ އެކި އެކު ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ކުރިއަށް ދިޔަ މުބާރާތުގެ ރަން މެޑަލް ރާއްޖެއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއީ ބައިނަލްއަޤުވާމީ ބީޗު ވޮލީ ބޯޅަ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލެއް ލިބުނު ފުރަތަމަ ފަހަރެވެ. މުބާރާތުގައި ރާއްޖެއާއި ނޭޕާލްގެ އިތުރުން ވާދަކުރީ ބަނގްލަދޭޝްއާއި ކިރްގިސްތާނާއި, ބޫޓާނާއި ޕާކިސްތާނެވެ. ހަ ގައުމުން އަށް ޕެއަރ ވާދަކުރި އެވެ.

ކުޑަކާއްޓޭ އާއި އެޑަމް ހޯދި ކާމިޔާބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، ރާއްޖެ އަށް ބީޗު ވޮލީގައި މާ ކުރިއަށް ދެވޭނެ ކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ އެކަމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ އަރުތަ ޕްރޮގްރާމްގައި އެ ދެ ކުޅުންތެރިން ވެސް ހިމެނޭ ކަމަށާއި، ބޭނުމަކީ ރަނގަޅު ތަމްރީނުތައް ދީ އިތުރު ކާމިޔާބީތައް ހޯދުން ކަމަށެވެ. މީގެ އިތުރުން މަޚްލޫފް ވިދާޅުވީ ވޮލީ ބޯޅަ ކުރިއެރުވުމަށް މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅާއެކު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ރާއްޖެއިން ކޮމަންވެލްތުގައި ވެސް މެޑަލް ހޯދާނެ ކަމަށާއި، އޮލިމްޕިކްސް އަށް ވެސް ކޮލިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ރަން މެޑަލް ހޯދި ކުޑަކާއްޓޭ އާއި އެޑަމް ބުނީ، ބީޗު ވޮލީ އިން ރަން މެޑަލެއް ހޯދުމަކީ ވަރަށް ގިނަ ބައެއްގެ އުންމީދެއް ކަމަށެވެ. އެކަން ހާސިލް ކުރެވުނު ވަރަށް އުފާވާ ކަމަށާއި، މުބާރާތުގައި ޥާދަކުރި މެޗުތައް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ގޭމްސްތަކުގައި ވެސް ވާދަކޮށް، ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. ރަން މެޑަލް ހޯދުމާ ހިސާބަށް އައީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު ކަމަށާއި، އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް ދެ ކުޅުންތެރިން ވެސް ބުންޏެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރާއްޖެ އަށް ކުޅިވަރުތަކުން ރަން މެޑަލް ހޯދުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް