އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތުގެ ދަށުން އެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށާއި އެއީ އެންމެ ކުރިން ފެށިގެން ޕްލޭން ކުރެވިފައިވާ ގޮތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މިފަދައިން ބުނީ ރާއްޖޭގެ ބައެއް ނޫސްތަކުގައި އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް އެއްކޮށް ނުނިންމައި، އަދި ތާރު ނާޅައި އުޅަނދުތަކަށް ހުޅުވާލާފައިވާ ކަމަށް ބުނެ ރިޕޯޓް ކޮށްފައިވާތީއެވެ. އެގޮތުން، "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެމުން އާރުޑީސީން ބުނީ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުން ނޫން އެހެން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިގަތީވެސް އެ މަސައްކަތްތައް އެއްކޮށް ނިމުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ފުރަތަމަ ސެގްމަންޓް އާއްމުކޮށް ހުޅުވާލާފައިވަނީ، ވަކި ވަކި ސެގްމަންޓުތައް ނިންމައި ތާރުއަޅާނަމަ އެސަރަހައްދު އެއްކޮށް ބަންދު ކުރުމުން ދުއްވާ ތަކެއްޗަށާއި އާއްމުންނަށް ދަތިވާނެތީއެވެ. އެގޮތުން، އަމީނީ މަގަކީ ބޮޑު އަދި ކާރުބާރު ބޮޑު މަގަކަށްވާތީ އެ މަގު ހަދާއިރު ކުދި ކުދި ސެގްމަންޓްތަކުގެ މަސައްކަތް ނިންމައި ތާރު އެޅުމުގެ މަސައްކަތް އޭގެ ފަހުން ކުރުމުން އާއްމުންނަށް ވެސް އޭގެ ސަބަބުން ދަތިތަކާ ދިމާނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އާރުޑީސީން ބުނި ގޮތުގައި އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ ބޮޑުތަކުރުފާނުމަގާއި އަމީނީމަގާ ދިމާވާ ހިސާބުން ފެށިގެން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް މަސައްކަތްތައް ނިމުމުންނެވެ. އެހެންކަމުން ސެގްމަންޓުތަކުގެ މަސައްކަތްތަކުގެ ތެރެއިން ތާރު އެޅުން ފިޔަވައި އެހެނިހެން ހުރިހާ މަސައްކަތެއް ނިމޭވަރަކަށް އެ ސެގްމަންޓުތައް އުޅަނދުތަކަށް ހުޅުވަމުންދާނެ ކަމަށް މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަމީނީ މަގުގެ ސެގްމަންޓުތަކުގެ މަސައްކަތް ނިންމައި އުޅަނދުތަކަށް ދުއްވޭގޮތަށް ހުޅުވާލަނީ ތާރު އެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާކަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބަލައި، އިންސްޕެކްޓް ކުރުމަށްފަހު ކަމަށް ވެސް އާރުޑީސީން ބުންޏެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އެޅުމުގެ އަމަލީ މަސައްކަތް އާރުޑީސީން ފެށީ 12 ސެޕްޓެމްބަރު 2022 ގައެވެ. އެ މަސައްކަތް ކުރިއަށްދިޔައިރު އަމީނީ މަގަކީ، ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގަކަށްވުމުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ދަތިތައް ހުރިކަން އާރުޑީސީން ފާހަގަކުރިއެވެ. އެގޮތުން، މަގުގެ ފެން ފަށަލަ ތިލަވެފައި، މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯރކްތަކާ ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާއި މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް އެބަހުރިކަމަށް އެ ކުންފުނިން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރުޑީސީއާ މި މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑެތި ބަދަލުތަކާއެކު މި މަސަައްކަތް ކުރިއަށްގެންދާއިރު، މިހާތަނަށް ވަނީ ޓޮޕޯ ގްރެފިކް ސަރވޭއާއި ޖިއޯޓެކްނިކަލް ސަރވޭއާއި ހައިޑްރޮޖިކަލް ސަރވޭގެ އިތުރުން އީއައިއޭ ހަދާފައެވެ.
އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިން ކުރެވިފައިވާއިރު، މަގުގެ ފެން ހިންދާ ނިޒާމު ޑިޒައިންކޮށްފައިވަނީ އަމީނީމަގުގެ ދެފަރާތުންވެސް މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާ ގޮތަށެވެ. އަދި ޑިޒައިންނަށް ބިނާކޮށް، މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.
މީގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ބޭރުކުރާ ފެނަށް ޚާއްސަ ޑީވޯޓަރިންގ ނެޓްވޯކް އަޅާނެއެވެ. މީގެ ސަބަބުން ދުވާރު މަތީގައި ހޮޅި އަޅައިގެން އިމާރާތްތަކުން ފެން ބޭރުކުރުން ނިމުމަކަށް އަންނާނެއެވެ.
އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގައި، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ހިނގާބިގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ދުވާރުގައި ބްރެއިލް ބްލޮކް ޖެހުމާއި، ވީލްޗެއަރ އެކްސެސް ގާއިމްކުރުން ހިމެނެއެވެ. އަދި ސްޓޭކް ހޯލްޑަރުންގެ ކޭބަލްތައް އެޅުމަށްޓަކައި ކޭބަލްޓްރޭ މަގުގެ ދެފަޅީގައި އެޅުމާއެކު، އެޗްވީ ކޭބަލަށް ޚާއްސަކޮށްގެން ޖަންގުޝަންތަކެއްވެސް ބަހައްޓާނެއެވެ.