ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް ވެއްޖެއެވެ.
އާރްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގިނަ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާކޮށްފައިނުވާ ކަމަށެވެ. ބައެއް މުވައްޒަފުންނަށް ފެބްރުއަރީ މަހާއި، މާރޗް މަހުން ފެށިގެން ވެސް ފައިސާ ޖަމާވެފައިނުވާކަން އެމުވައްޒަފުން ބުންޏެވެ.
މި މައްސަލަ ސަމާލުކަމަށް އައީ މިދިޔަ ހަފްތާ ތެރޭގައިކަން ފާހަގަކޮށް އާރްޑީސީގެ މުވައްޒަފުން ބުނީ، ކުއްލި ބައްދަލުވުމެއް އާރްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ކަމަށެވެ. މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވަނީ މިމައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށާއި، 15 ދުވަހުގެ ތެރޭގައި ޕެންޝަން ފައިސާ ޖަމާވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެ މުވައްޒަފުން ބުނެއެވެ.
މުވައްޒަފުން ބުނީ، ޕެންޝަން ފައިސާ ޖަމާނުވި ނަމަވެސް ކޮންމެ މަހެއްގައި މުސާރައިން ޕެންޝަންގެ ފައިސާ ކަނޑާފައިވާ ކަމަށެވެ. އަދި އެ ފައިސާ ބައެއް ބޭފުޅުން ބޭނުންކޮށްފައިވާ ކަމަށް ވެސް މުވައްޒަފުން ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން އާރްޑީސީގެ މުވައްޒަފުން ބުނީ، އިތުރުގަޑީގެ ފައިސާ ވެސް މިހާރު ލިބެނީ ވަރަށް އުދަނގުލުން ކަމަށާއި، ދެމީހެއްގެ ސޮއާއެކު ޚާއްސަ އީމެއިލްއެއް ކުރަން ޖެހޭ ކަމަށެވެ. އަދި ފަސޭހައިން އިތުރުގަޑީގެ ފައިސާގެ އެޕްރޫވް ލިބެނީ ސިޔާސީ ގޮތުން ބާރުވެރި މީހުންނަށް ކަމަށާއި، އެފަދަ ބޭފުޅުންނާ ގާތްގުޅުންތައް އޮންނަ މީހުންނަށް ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
މިމައްސަލައާ ގުޅިގެން އާރްޑީސީގެ އިސްބޭފުޅެއްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.