ޓިއުނީޝިއާގައި އިއުލާނު ކޮށްފައިވާ ކުއްލި ޙާލަތުގެ މުއްދަތު ޖެނުއަރީ 30ށް ދިގުދަންމާލައިފިއެވެ.
އެ ގައުމުގެ ރައީސް ގައިސް ސައީދު ވަނީ ފެބްރުއަރީ މަަހުގެ ތެރޭގައި ކުއްލި ޙާލަތު ދިގު ދަންމާލުމަށް ނިންމަވައި، 2022 ގެ ނިޔަލަށް ކުއްލި ޙާލަތު ދެމި އޮންނާނެކަމަށް ވިދާޅުވެފައެވެ. އަދި 2022 ނިމުމާއެކު، ގައިސް ސައީދު މިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުއްލި ޙާލަތު ދެމި އޮންނާނެކަން އިއުލާނު ކުރައްވާފައެވެ.
ޓިއުނީޝިއާގެ ސިޔާސީ މަސްރަހުވެސް ހަލަބޮލިވެފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށްފަހު ކޯޓުތަކާއި ފަނޑިޔާރުންވެސް ވަނީ އެޤައުމުގެ ރައީސްގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މި ކަންކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް، ގިނަ އަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ ސަރުކާރާއި ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ. ރައްޔިތުން ބުނަމުން ދިޔައީ ރައީސް ގައިސް އަކީ ޚުދުމުޚުތާރު ވެރިއެއް ކަމަށެވެ. ރައީސް ގައިސް މަގާމާއި ހަވާލުވެވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.
އޭގެ އިތުރުން، އެގައުމުގެ ޖުޑީޝަރީ އިސްލާހުކޮށް އެތަނަކީ ސާފުތާހިރު ތަނަކަށް ހެދުމަށް ފުރުސަތަކަށްފަހު ފުރުސަތެއް ދީ، އިންޒާރަކަށްފަހު އިންޒާރެއްވެސް ދެވިފައިވާކަން ފާހަގަ ކުރައްވައި މިއަހަރުގެ ޖޫން މަހު ގައިސް ވަނީ ކޮރަޕްޝަނާއި، ޓެރަރިސްޓުންނަށް ހިމާޔަތްދޭ ކަމުގެ ތުހުމަތުގައި ޓިއުނީޝިއާގެ 57 ގާޒީން މަގާމުން ވަކިކުރައްވަންވެސް ނިންމަވާފައެވެ.
ޓިއުނީޝިޔާގެ ރައީސް ގައިސް ސައީދު ވިދާޅުވީ މިއީ އެގައުމު ސަލާމަތްކުރުމަށް މުހިންމު ކަމެއް ކަމެކެވެ. އަދި ގައުމު ސަލާމަތްކުރުމަށް ކަމަށް ވިދާޅުވެ، ރައީސް ގެންދަވަނީ ގިނަ އިދާރާތަކުގެ އިސް ބޭބޭފުޅުން މަގާމުން ވަކިކުރައްވަމުންނެވެ.