ޓިއުނީޝިއާގެ ރައީސް ކައިސް ސައީދުގެ ވާދަވެރިއެއްގެ ގޮތުގައި ފާހަގަވާ އެގައުމުގެ ވަކީލެއް ކަމަށްވާ ސައިފުއްދީން މަޚްލޫފްއަށް އެގައުމުގެ ކޯޓަކުން ޖަލުހުކުމެއް އިއްވައިފިއެވެ.
މަޚްލޫފްގެ ވަކީލާ ހަވާލާދީ ރޮއިޓަރސް ރިޕޯޓުކޮށްފައިވާގޮތުން ޓިއުނީޝިއާގެ މިލިޓަރީ އެޕީލް ކޯޓަކުން ހުކުރު ދުވަހު ވަނީ މަޚްލޫފްއަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އޭނާ އަށް ވަނީ ގާޒީއަކަށް މަލާމަތްކުރި ކަމަށް ބުނެ ފަސް އަހަރު ދުވަހަށް ވަކީލުކަން ނުކުރެވޭނެ ކަމަށް އަންގާފައިކަމަށް ވެސް މަޚްލޫފްގެ ވަކީލު ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު އެގައުމުގެ މަޖިލީސް އުވާލާ ވެރިކަމާ ހަވާލުވިފަހުން ޓިއުނީޝިއާ ގެ ރައީސް ސައީދުއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ގެއްލެން ފަށާފައެވެ. ސައީދުގެ އިދިކޮޅު މީހުން ދަނީ އޭނާ ވެރިކަމާ ހަވާލުވެފައި ވަނީ ބަޣާވާތަކުން ކަމަށްވެސް ބުނަމުންނެވެ.
މީގެ އިތުރުން ފާޑުކިޔާމީހުން ދަނީ ސައީދު މަސައްކަތްކުރަމުން ދަނީ "ވަން-މޭން ރޫލް" އެއް ޓިއުނީޝިއާގައި ގާއިމުކުރުމަށް ކަމަށް ބުނަމުންނެވެ.
މަޚްލޫފްގެ ވަކީލު ވަނީ މަޚްލޫފްއާއި ދެކޮޅަށް ކުރެވުނު މިހުކުމާއެކު ސައީދު ބޭނުން ވަނީ އެގައުމުގެ ޖުޑީޝަރީވެސް އޭނާގެ ބާރުގެ ދަށުގައި ބާއްވަން ކަން ވަރަށް ބޮޑަށް ސާފުވެގެން ގޮސްފިކަމަށް ވިދާޅުވެފައެވެ.
މިކަމާގުޅިގެން ސަރުކާރުގެ ފަރާތުން ބަހެއް ލިބޭގޮތް ވެފައި ނުވާކަމަށް ރޮއިޓަރސްއިން ބުނެފައިވެއެވެ.
މިއަހަރުގެ ކުރީކޮޅު ޓިއުނީޝިއާގެ ރައީސް ވަނީ އެގައުމުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލްގެ ބަދަލުގައި ވަގުތީ ކައުންސިލެއް އައްޔަނުކުރައްވާފައެވެ. ޖޫން މަހުގެ ކުރީކޮޅު ރައީސް ވަނީ ކޮރަޕްޝަނާއި ޓެރަރިސްޓުންނަށް ހިމާޔަތްފޯރުކޮށްދޭކަމަށް ބުނެ ގިނަ އަދަދެއްގެ ގާޒީން މަގާމުން ވަކިކޮށްފައެވެ.
ޖޫން 9 ވަނަ ދުވަހު ޓިއުނީޝިއާގެ ގާޒީން ވަނީ ދެ ވަނަ ހަފުތާއަކަށް އެމީހުންގެ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ.
މަޚްލޫފް އަކީ ކޮންޒަވޭޓިވް ކަރަމާ ޕާޓީގެ ލީޑަރެވެ. އޭނާ އަކީ އާންމުކޮށް ރައީސްގެ ސިޔާސަތުތަކަށް އެންމެ ގަދައަށް ފާޑުވިދާޅުވާ އެއް ސިޔާސީ ލީޑަރެވެ.