Advertisement
ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 12:39
ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުން
ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުން
ޓްވިޓަރ
ނިޒާމީ މައްސަލަ
އަޅުގަނޑު ތަންފީޒުކުރަމުން މިދަނީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ، އޭގައި ނިޒާމުގެ ވާހަކައެއް ނެތް - ރައީސް
ކޯލިޝަން މެނިފެސްޓޯގައި އެއްވެސް ގޮތަކަށް ނިޒާމީ ވޯޓެއް މި 5 އަހަރު ތެރޭގައި ނަގާނެ ވާހަކައެއް ނޯންނާނެ
މެނިފެސްޓޯ އެކުލަވާލެއްވީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއާ އެކީގައި

5 އަހަރުގެ މި ދަރުގައި ތަންފީޒުކުރައްވަމުން ގެންދަވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު އެކުލަވާލެވުނު މެނިފެސްޓޯ ކަމަށާއި، އެ މެނިފެސްޓޯގައި ނިޒާމު ބަދަލުކުރުމުގެ ވާހަކައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދުވަސްތަކަކަށްފަހު ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖެ އެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ކެންޑިޑޭޓަކަށް ވެވަޑައިގެންނުވުމާއެކީގައި، ރައްޔިތުންނާއި ހިސާބަށް ދިއުމުގެ ކުރިން މެނިފެސްޓޯއެއް އެކުލަވާލެއްވި ކަމަށެވެ. އަދި އެ މެނިފެސްޓޯ އެކުލަވާލެއްވީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާއެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

އެމަނިކުފާނު ވިދާޅުވީ އެ މެނިފެސްޓޯގައި އެއްވެސް ގޮތަކަށް ނިޒާމީ ވޯޓެއް މި 5 އަހަރު ތެރޭގައި ނަގާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އަޅުގަނޑު ތަންފީޒުކުރަމުން މި ގެންދަނީ އަޅުގަނޑާއި ހަވާލުކޮށްފައި އޮތް އެ މެނިފެސްޓޯ. އޭގައި އޮތްގޮތަށް މި ކުރިއަށް ގެންދަނީ. އެއްވެސް ހާލެއްގައި އެ މެނިފެސްޓޯގެ މަސައްކަތުގެ ތެރޭގައި ނިޒާމީ ވޯޓެއް މި 5 އަހަރުގެ ތެރޭގައި ނަގާ ވާހަކައެއް ނެތް. މެނިފެސްޓޯގައި ނެތްކަމެއް ކުރަން ވެއްޖެނަމަ، ދެން ކުރަންޖެހޭނެ ކަމަކީ ކޯލިޝަންގައި ތިބި އެންމެންނާއި ވާހަކަ ދެއްކުން. އެމީހުންގެ ލަފަޔާއެކީގައި އަޅުގަނޑު ކުރިއަށްދާނީ. އެނޫން ގޮތަކަށް އަޅުގަނޑަކަށް އެކަމުގައި މި ދައުރުތެރޭގައި ކުރިއަށް ދެވޭނެ ފުރުސަތެއް އޮތްކަމަށް ނުދެކެން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ނިޒާމީ ވޯޓުގެ މައްސަލައިގައި ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ގުޅުން ވަނީ ހީނަރުވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެންމެ މުހިންމު އިގްތިސާދީ ހަތިޔާރަކީ އިތުބާރު ކަމަށާއި އިތުބާރު ގެއްލިއްޖެއްނަމަ އިގްތިސާދީ ކަންކަން ކައްސާލައިގެން ދިއުމަކީ ވަރަށް ފަސޭހައިން ވާކަމެއް ކަމަށެވެ. އެހެންވެ، ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނުނަގަން ވިދާޅުވެއްޖެނަމަ އެ މީހެއްގެ އިތުބާރު ގެއްލުނީ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު, ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ގާނޫނު އިސްލާހު ކުރުމާ ގުޅޭގޮތުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ. އެކަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އަދި ރާއްޖޭގެ ސިޔާސީ އެހެން ބައެއް އިސް ފަރާތްތަކުން ވެސް ދެކޮޅު ކަމަށް ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވާހަކަތަކުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ވާހަކައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތާއީދު ނުކުރައްވާ ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް ޕާސަނަލީ ގަބޫލުކުރެއްވެނީ މިހާރު މި އޮތްގޮތް (ރިޔާސީ ނިޒާމް)، އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން ކަމަށެވެ. އަދި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް