ފޮރިން ސާރވިސް އިންސްޓިޓިއުޓް މެދުވެރިވެގެން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭ މުހިއްމު މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ޕްރޮގްރާމްތަކެއް 2023 ވަނަ އަހަރު ރޭވިގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަށް މިހާރު ޢަމަލު ކުރަން ފަށާފައިވާތީ، މިނިސްޓްރީގެ ދަށުން ހިންގަމުން އައި ފޮރިން ސަރވިސް އިންސްޓިޓިއުޓް (ފޮސިމް)ގެ އެންމެހާ މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށްގެންދެވޭ އިންސްޓިޓިއުޓަކަށް މިހާރުމިވަނީ ބަދަލު ވެފައެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގައިވާ ގޮތުގެ މަތީން، ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާގުޅޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، ޢާންމުންނާއި، ކިޔަވާކުދިން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަކީ ފޮރިން ސާރވިސް އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އިންސްޓިޓިއުޓް އިން ކުރިއަށް ގެންދާ ފޮސިމް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން، ސަރުކާރު ވުޒާރާތަކާއި، ސްކޫލް، އަދި ޔުނިވާރސިޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއި ގުޅޭ ހާއްސަކަންތައްތަކާއި، މި ސިޔާސަތުގެދަށުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ތަފާތު އެކި މޮޑިއުލް ތަކަކަށް ބަހާލައިގެން ޕްރޮގްރާމްތަކެއް 2023 ވަނަ އަހަރުން ފެށިގެން ހިންގުމުގެ ތައްޔާރީތައް ފޮރިން ސާރވިސް އިންސްޓިޓިއުޓުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އަދި މި ސެޝަންތަކުގައި ބައިވެރިވުމުގެ ދައުވަތު ވަނީ، މިހާރު ސަރުކާރު ވުޒާރާތަކާއި، ގައުމީ ޔުނިވާރސިޓީ، އަށް ދީފައި ކަމަށާއި، އައުޓްރީޗް ޕްރޮގްރާމްގައި ހިންގޭ ސެޝަންތަކުގެ ތެރޭގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ބައިލެޓެރެލް މަލްޓިލެޓެރަލް ގުޅުންތަކާއި، ކޮމާރޝަލް ޑިޕްލޮމަސީ، ކޮންސިއުލަރ އަދި ޕްރޮޓޮކޯލްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ދާނެ ކަމަށެވެ.