Advertisement
ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 14:37
ރައީސް ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވަނީ
ރައީސް ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް ނިލަންދޫ ކައުންސިލާ ބައްދަލުކުރެއްވުން
ސަރުކާރުން ނިލަންދޫގެ ތަރައްގީއަށް ކޮށްދީފައިވާ ކަންކަން ރައްޔިތުން ބަލައިގެންފި - ނިލަންދޫ ކައުންސިލް
ރަށްގިރުމުގެ މައްސަލައާއި، ބަނދަރު ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ކައުންސިލުން ފާހަގަކުރެއްވި
ދަނޑުވެރިން ހައްދާ ތަކެތި އެގްރޯނެޓް މެދުވެރިކޮށް ބޮޑު އަގުގައި ނުވިއްކޭތީ ހުރި ކަންބޮޑުވުންތަކާއި، ބަޖެޓްގެ ދަތިކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު، ގއ. ނިލަންދޫ ކައުންސިލް އިދާރާގައެވެ. މިބައްދަލުކުރެއްވުމުގައި ނިލަންދޫ ކައުންސިލުން ވަނީ، މިސަރުކާރުން ނިލަންދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވައި، ރައީސް ސާލިހުގެ ޒައާމަތުގައި ނިލަންދޫގެ ތަރައްގީއަށް ކޮށްދެއްވާފައިވާ ގިނަގުނަ ކަންކަން ކައުންސިލާއި ރައްޔިތުން ބަލައިގެންފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން އެބޭފުޅުން ވަނީ، ނިލަންދޫގެ ސްކޫލް އިމާރާތާއި، އެގްރޯނެޓްގެ އިމާރާތް އަދި ވޮލީ ކޯޓް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ނިލަންދޫ ކައުންސިލުން ވަނީ، އެރަށުގެ ތަރައްގީއަށް މިހާރު ހިންގަމުންދާ މަޝްރޫއުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި; ރަށްގިރުމުގެ މައްސަލައާއި، ބަނދަރު ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލް އިދާރާގެ އިމާރާތުގެ ދަތިކަމާއި، ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމަށާއި، ނަރުދަމާ ނިޒާމާއެކު ރަށުގެ މަގުތައްވެސް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

Advertisement

ނިލަންދޫ އ.ތ.މ. ކޮމިޓީއިން ވަނީ، ދަނޑުވެރިން ހައްދާ ތަކެތި އެގްރޯނެޓް މެދުވެރިކޮށް ބޮޑު އަގުގައި ނުވިއްކޭތީ ހުރި ކަންބޮޑުވުންތަކާއި، ބަޖެޓްގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިލަންދޫގެ ތަރައްގީއާގުޅޭ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ ގެ ތިން ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް