Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 18:33
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު - އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- 6-11-2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު - އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- 6-11-2025
ރައީސް އޮފީސް
ތަރައްގީގެ މަޝްރޫއު
އަމިއްލަ ކުންފުނިތަކަށް ދޭން ހުރި ފާއިސާ ނުދީ، ރިކޯޑް ހައްދަވަން އެއްދުވަހެއްގައި އެންމެ ގިނަ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ގެދޮރު ބިނާކުރުމަށް، 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކޮށްފައިވޭ

މިއަދަކީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެއްދުވަހެއްގައި އެންމެ ގިނަ މަސައްކަތް އަމިއްލަ ދިވެހި ކުންފުނިތަކާއި ޙަވާލުކުރެއްވި ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ސޮއިކުރެއްވުމަށް ނަސަންދުރާ ބާސެލޯސްގައި ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު މިގޮތަށް ވިދާޅުވި އިރު މިދިޔަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފާއިސާ ދީ ފަސް ހަފްތާގެ ތެރޭގައި ހަލާސް ކުުރާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރު ދޭން ޖެހޭ ފާއިސާ ދީފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

އަމިއްލަ ކުންފުނިތަކާ ޙަވާލުކުރައްވައިގެން މަޝްރޫޢުތައް ކުރިއަށް ގެންދަވަން ސޮއިކުރެއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށާއި ސަރުކާރުން ދޭންޖެހޭ ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތި، ބަރާބަރަށް ފައިސާ ދައްކަވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ސޮއިކުރެއްވި މަޝްރޫޢުތަކާއި މިދިޔަ ދެ ދުވަހުގެ ތެރޭގައި ސޮއިކުރި މަޝްރޫޢުތަކާ އެކު ޖުމުލަ 216 ޕްރޮޖެކްޓް ތަފާތު 53 އަމިއްލަ ކުންފުންޏާއި ވަނީ ޙަވާލުކޮށްފަ އެވެ. މީގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަނީ ސޮއިކޮށްފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންގޮސް، ޚާއްޞަ ގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މަސައްކަތް ޙަވާލުކުރެއްވި ހުރިހާ ކުންފުންޏަކީ، އިތުބާރު އޮތް ކުންފުނިތައްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ކުންފުނިތަކުން ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި މަސައްކަތް ކުރަން ތަކެތި މޮބިލައިޒްކުރަން ފަށާނެ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު ވަރަށް ރަނގަޅު މިސްރާބަކަށް ޖެހިފައިވާ ކަމަށާއި މި މަޝްރޫއުތައް ހަވާލުކުރެވުނީ ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިޤްތިޞާދެއް ނަގައި ކޮޅަށް ޖަހައި، ސަރުކާރުގެ ތެރެއިން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި އެކުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ކުންފުނިތަކާއި މަޝްރުޢޫތައް ޙަވާލުކުރައްވާފައިވަނީ، ތިން އަހަރު ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހަޅައިގެން، ބޭންކުން ބޭނުންވާ ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަކުރައްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އަންނަ ދަތިތަކުގެ ލަސްކަމެއް، މި ސޮއިކުރެވުނު އެއްވެސް މަޝްރޫޢަކަށް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަންދެއްވައި، ކުންފުނިތަކުން މަސައްކަތް ނިންމައި، ފައިސާ ހޯދުމަށް އެދުމުން ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މިކުންފުނިތަކުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަދި ސަރުކާރުގެ ކޮންމެ އިދާރާއަކުން ވެސް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ކުންފުނިތަކަށް ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފަ އެވެ.

ކުރިއަށްއޮތް ތަނުގައިވެސް ސަރުކާރުން އަމިއްލަ ކުންފުނިތަކާ އެކި މަޝްރޫޢުތައް ހަވާލުކޮށް، ރާއްޖޭގެ އާންމު ފަރުދުން މުއްސަނދި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ، ތަފާތު ނުވަ ދާއިރާއާއި ގުޅޭ މަޝްރޫޢުތަކެވެ. އޭގެ ތެރޭގައި ތަޢުލީމް، ޞިއްޙަތު، ތިމާވެށި، މަސްވެރިކަން، ކުޅިވަރު، ގެދޮރުވެރިކަން، ދީނީ އަދި އިޖުތިމާޢީ ދާއިރާގެ އިތުރުން ޒުވާނުންނާއި ގުޅޭ ދާއިރާގެ މަޝްރޫޢުތައް ހިމެނެ އެވެ.

ސޮއިކުރި މަޝްރޫޢުތަކުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަންދެއްވާ ތަރައްޤީގެ ދާއިރާކަމަށްވާ ގެދޮރު ބިނާކުރެއްވުމުގެ ދާއިރާއިން، 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ އެކި ފަހަރުމަތިން ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކެއްކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

- ކޮމެންޓް