Advertisement
ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 12:10
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ނިލަންދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ނިލަންދޫ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ރައީސް ގއ. ނިލަންދޫއަށް ކުރައްވާ ދަތުރުފުޅު
ކަރަންޓު ފޯރުކޮށްދޭން ޖެހޭނީ ސަރުކާރުން ކަމަށް ކުރީ ސަރުކާރުތަކުން ގަބޫލެއްނުކުރޭ: ރައީސް
ރައްޔިތުން ސަރުކާރެއް އިންތިޚާބުކުރަނީ އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭން
މި ސަރުކާރުގެ އަސާސަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން
ނިލަންދޫ ރައްޔިތުން ދެން ކަރަންޓާ ގުޅިގެން ކަންބޮޑުވެ, ޝަކުވާކުރާކަށް ނުޖެހޭނެ

ކުރީ ސަރުކާރުތަކުން ކަރަންޓުގެ ޚިދުމަތަކީ އެއީ ސަރުކާރުން ދޭންޖެހޭ ޚިދުމަތެއް ކަމުގައި ދެކިގެން މަސައްކަތް ނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ގއ. ނިލަންދޫއަށް ވަޑައިގެން އެ ރަށުގެ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އަސާސަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ހުރިހާ ރަށަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. މި އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތަކީ މުހިންމު ޚިދުމަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރެއް އިންތިޚާބުކުރަނީ އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވާއިރު، އަސާސީ ބައެއް ޚިދުމަތްތަކަކީ ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައްކަމަށް ގަބޫލު ނުކުރުމަކީ އެއީ އެއްވެސް ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ އެއްވެސް ސަރުކާރެއްގެ ވިސްނުން ހުންނަންޖެހޭނެ ގޮތެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފަށާފައިވަނީ އެ ރަށެއްގެ ވިޔަފާރިވެރިން ނުވަތަ މަސްވެރިން ނުވަތަ ޖަމްއިއްޔާތަކުން އިސްނަގައިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ އެކަން އޮންނަންޖެހޭ ގޮތް ނޫންކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ފެނަކަ ކޯޕަރޭޝަންގެ މިހާރު މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދުއާ މަގާމު ހަވާލުކުރައްވައި އެންމެ ފުރަތަމަ ކަނޑައެޅުއްވި ސިޔާސަތަކީވެސް އެއްވެސް ރަށެއް ބާކީނުކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ފުރިހަމަކަމާއެކު ފެނަކައިން ކުރަމުން އަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އިންޖީނުގެތައް ހުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ތަކުލީފުތައް ދިމާވެ އެކަންބޮޑުވުންތައް ހިއްސާކުރުމުން، ފެނަކަ މެދުވެރިކޮށް އެ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގެ ދަށުން 46 ރަށެއްގައި މިހާތަނަށް އައު އިންޖީނުގެތައް އިމާރާތްކޮށް، ހުޅުވިފައިވާކަމަށާއި މިހާރުވެސް 60 އެއްހާ ރަށުގެ އިންޖީނުގެތަކުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ނިލަންދޫގައި ހުޅުވި އައު އިންޖީނުގެއާއެކު އެރަށުގެ ރައްޔިތުން ދެން ކަރަންޓާ ގުޅިގެން ކަންބޮޑުވެ, ޝަކުވާކުރާކަށް ނުޖެހޭނެއެވެ.

ރައީސްގެ ވާހަކަފުޅުގައި، ނިލަންދޫގެ ތަރައްގީއަށް އިތުރު މަސައްކަތްތައް ވެސް ރޭވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން, ނިލަންދޫއަކީ ދަނޑުވެރިކަމަށް ޚާއްސަ ރަށަކަށްވާތީ، އެގްރޯ ސެންޓަރު މެދުވެރިކޮށް، ދަނޑުވެރިން އުފައްދާތަކެތި ހަމައަގުގައި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ޕްލޭނިންގ މިނިސްޓްރީއާ ގުޅިގެން ޕްލޭންތައް ހަދައި އެ މަސައްކަތްވެސް ފައްޓަވައިދެއްވާނެ ކަމަށާއި، ރަށުގެ ކުނި މެނޭޖް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް