Advertisement
ކ. މާލެ
|
24 ޑިސެންބަރ 2022 | ހޮނިހިރު 12:56
ރައީސް ސާލިހު، ގއ. ނިލަންދޫ އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވަނީ
ރައީސް ސާލިހު، ގއ. ނިލަންދޫ އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވަނީ
ރައީސް އޮފީސް
ނިލަންދޫ އިންޖީނުގެ ހުޅުވުން
ނިލަންދޫގެ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފި
މިއީ 1050 ކިލޯވޮޓް ކެޕޭސިޓީގެ އިންޖީނެއް

ގއ. ނިލަންދޫގައި އަލަށް ތަރައްގީކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހު ނިލަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އެ ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނިލަންދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތަކީ ރަށުތެރޭގައި ހުންނަ އިންޖީނުގެތައް ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިމާރާތް ކޮށްފައިވާ އިންޖީނުގެއެވެ.

މި އިންޖީނުގޭގައި ޑެގްރޫމާއި ކޮންޓްރޯލް ރޫމާއި ވޯކްޝޮޕާއި ސްޓޯރޭޖްގެ އިތުރުން، ޕޭންޓްރީއާއި ފާހާނާއި ޑޭ ޓޭންކާއި ޑީސަން ޓޭންކް ވަނީ ގާއިމްކޮށްފައެވެ. އަދި އިންޖީނުގޭގެ އައު އޮފީސް އިމާރާތުގައި މީޓިންގ ރޫމަކާއި މެނޭޖަރ ރޫމަކާއި ރިސެޕްޝަން، އަދި ލޮބީއާއި ޖެނެރަލް އޮފީހާއި ޓެކްނިކަލް ސްޓާފް ރޫމް ވަނީ ގާއިމްކޮށްފައެވެ.

Advertisement

އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެއާއި އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތްކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި 22 އަހަރުވީ ކުރީގެ އިންޖީނުގެއަކީ 78 އަކަމީޓަރުގެ ސަަރަހައްދެއްގައި ހަދާފައިވާ އިންޖީނުގެއެކެވެ. ނަމަވެސް އައު އިންޖީނުގެއަކީ 179 އަކަމީޓަރުގެ އިންޖީނުގެއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ނިލަންދޫގައި މީގެ ކުރިން ކަރަންޓު ދެމުން އައީ 550 ކިލޯވޮޓުގެ ޖެންސެޓަކުންނެވެ. ނަމަވެސް މިހާރު ވަނީ އެ ކެޕޭސިޓީ 1050 ކިލޯވޮޓަށް އިތުރުކޮށްފައެވެ. އަދި އައި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓުގެ ތިން ޖަނަރޭޓަރު ސެޓު ބެހެއްޓޭގޮތަށް ކަމަށްވެސް ފެނަކައިން ބުންޏެވެ.

ނިލަންދޫ އިންޖީނުގޭގައި ހަތަރު މުވައްޒަފުން މަސައްކަތް ކުރާއިރު އޮފީސް އިމާރާތުގައި 30 މުވައްޒަފުން މަސައްކަތް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް