އެތައް ބަޔަކު ލޮލުން ކަރުނަފާއްދާ ހާލުގައި ތިބެ މިހާ ބޮޑަށް ތިމަންނާމެންނަށް އަޅާލި ވެރިކަމެއް ނުދެކޭކަމަށް ބުނަމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް އެމްޑީޕީގެ ޕްރައިމަރީގައި ތާއީދުކުރާ ފަރާތްތަކުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޒިފްލީނާ ވަނީ މި ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަަމަށް ސިފަކުރައްވާފައެވެ. އަދި އާއްމު ރައްޔިތުން އެކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ޒިފްލީނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އާއިލީ ގުޅުމާއި ގޭތެރޭގެ ގުޅުންތައް ބަދަހިވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ހިނގަނީ ސަރުކާރުން ހިންގާ ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ ހަރުދަނާ ކެމްޕޭންތަކާއި ސަރުކާރުގެ އުސޫލުތަކުގެ ސަބަބުން ކަމަށް ވެސް ޒިފްލީނާ ވިދާޅުވިއެވެ.
ހަމައެހެންމެ މިންތީގެ ހަމަހަމަކަން ހޯދައި ދިނުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަކީ މުހިންމު މަސައްކަތްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނާއި އެއްގޮތަށް މަަސައްކަތް ކުރުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ވެސް ޒިފްލީނާ ފާހަގަކުރެއްވިއެވެ. އަދި ހިލޭ ޑިގްރީ އަށް ފުރުސަތު ހޯދައި ދިނުމާއި ފެރީގެ ނިޒާމު މެދުވެރިކޮށް ރާއްޖޭގެ ރަށްތައް ގުޅުވާދިނުމަކީ ރައީސް ޞާލިހުގެ އިސްނެންގެވުމާ އެކު ކުރި ބޭނުންތެރި މަސައްކަތްތަކެއްކަން އޭނާ ވިދާޅުވިއެވެ.