ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 07:34
ކަރީމް ބެންޒެމާ
ކަރީމް ބެންޒެމާ
ޓްވީޓަރ
ފްރާންސްގެ ޤައުމީ ޓީމު
ބެންޒެމާ ޤައުމީ ޓީމުން ރިޓަޔާކޮށްފި
 
މިއަަަދު އޭނާގެ ހުރި ހިސާބަށް އާދެވުނީ ހެދުނު ގޯސްތަކާއި، ކުރި ހިތްވަރުން

އެންމެ ފަހުން ބެލެންޑިއޯ އެވޯޑު އުފުލާލި ފްރާންސްގެ ކަރީމް ބެންޒެމާ ފްރާންސްގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

މިކަން ބެންޒެމާ ހާމަކުރީ ހޯމަ ދުވަހުގެ ރޭ އޭނާގެ ޓުވިޓާ އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. ބެންޒެމާ އެންމެ ފުރަތަމަ ފްރާންސްގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ބެންޒެމާ ޤައުމީ ޓީމުން އުނިކޮށްފައިވާ ކަމަށް ހާމަކޮށްފައެވެ. އެއާއެކު 2018 ވަނަ އަހަރު ފްރާންސް އިން ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުން ވެސް ބެންޒެމާ އަށް ޖާގަ ގެއްލުނެވެ. އަލުން ދެ ވަނަ ފަހަރަށް ބެންޒެމާ ފްރާންސްގެ ޤައުމީ ޓީމުގައި ހިމެނީ 2021 ވަނަ އަހަރުއެވެ.

އޭގެ ފަހުން ބެންޒެމާ ވަނީ 2021 ވަނަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ފްރާންސް އަށް ކުޅެފައެވެ. އެ މުބާރާތުން ފްރާންސް ކެޓީ ގަދަ 16 ގައި ސްވިޒަލެންޑު އަތުން ބަލިވެގެންނެވެ. އޭގެ ފަހުން މިއަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރި ފްރާންސް ޓީމުގައި ވެސް ބެންޒެމާ ހިމެނިއެވެ. ނަމަވެސް މުބާރާތަށް ޤަތަރަށް ދިޔަ ފަހުން އަނިޔާވެ ބެންޒެމާ އަށް މުބާރާތް ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. ފައިނަލަށް ފްރާންސް ދަތުރުކުރުމާއެކު ފައިނަލްގައި ބެންޒެމާ ކުޅުވަން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް މަސައްކަތް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެކަމާ ބެންޒެމާ ދެކޮޅު ހެދި ކަމަށް ރިޕޯޓުތައް ބުނިއިރު، ފްރާންސް ކުޅުނު ފައިނަލް މެޗު ބަލަން އެ ޤައުމުގެ ރައީސް ބެންޒެމާ އަށް ދިން ދައުވަތު ވެސް ޤަބޫލު ނުކުރި ކަމަށް ރިޕިޓުތައް ބުނެއެވެ.

ބެންޒެމާ ކުރި ޓުވީޓުގައި އޭނާ ބުނީ، މިއަަަދު އޭނާ ހުރި ހިސާބަށް އާދެވުނީ ހެދުނު ގޯސްތަކާއި، ކުރި ހިތްވަރުން ކަމަށެވެ. ބެންޒެމާ ބުނީ މިއަދު އޭނާ އެކަންކަމާ ފަޚުރުވެރިވެ، އުފާވާ ކަމަށެވެ. އަދި އޭނާގެ ވާހަކަ ލިޔެވިއްޖެ ކަމަށާއި، މިހާރު އެ ވާހަކަތަކަށް ނިމުމެއް އައިސްފި ކަމަށެވެ.

އުމުރުން 35 އަހަރުގެ ބެންޒެމާ ވަނީ ފްރާންސް ޤައުމީ ޓީމަށް ކުޅެދިން 97 މެޗުން 31 ލަނޑު ޖަހާފައެވެ. ފްރާންސްއާއެކު ބެންޒެމާ ވަނީ 21-2022 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ޓީމުގައި ވެސް އޭނާ ހިމެނެއެވެ. ބެންޒެމާ އޭނާގެ ކުލަބް ރެއާލް މެޑްރިޑުގައި މޮޅު ކުޅުމެއް ދައްކަމުން އައި އިރު، އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
33%
50%
0%
17%
ކޮމެންޓް