ކ. މާލެ
|
20 އޯގަސްޓް 2024 | އަންގާރަ 14:10
ތިއޭރީ އޮންރީ
ތިއޭރީ އޮންރީ
ގޫގުލް
ފްރާންސް
އޮންރީ ފްރާންސްގެ ކޯޗުކަން ދޫކޮށްލައިފި
ފްރާންސްގެ 23 އަހަރުން ދަށުގެ ގައުމީ ކޯޗުކަން މަޝްހޫރު ފޯވަޑް ތިއޭރީ އޮންރީ ދޫކޮށްލައިފި އެވެ.

ފްރާންސްގެ 23 އަހަރުން ދަށުގެ ގައުމީ ކޯޗުކަން މަޝްހޫރު ފޯވަޑް ތިއޭރީ އޮންރީ ދޫކޮށްލައިފި އެވެ.

އޭނާ އަށް މިދިޔަ އަހަރު ކޯޗުކަން ދިނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ދެ އަހަރުގެ ކޮންޓްރެކްޓްގައި ބާކީ ގާތްގަނޑަކަށް އަހަރެއް އޮއްވައި އޮންރީ ކޯޗުކަން ދޫކޮށްލީ އަމިއްލަ ސަބަބުތަކާހެދި ކަމަށްވެ އެވެ. ފްރާންސްގެ ނޫސްތަކުން ބުނަނީ އާސެނަލް އާއި ބާސެލޯނާގެ ކުރީގެ ފޯވަޑް ދެން މަސައްކަތް ކުރާނީ ގައުމުން ބޭރުގައި ކަމަށެވެ. ފަހަރުގައި އޭނާ ބާސެލޯނާގެ ޔޫތު ޓީމަކަށް ވެސް ހިނގައިދާނެ ކަމަށް ބައެއް ނޫސްތަކުން ލަފާކުރެ އެވެ.

އޮންރީ ވަނީ އަހަރެއްގެ ތެރޭގައި ފްރާންސް ޓީމާއެކު އޮލިމްޕިކްސް ފައިނަލުގައި ކުޅެ ސިލްވާ މެޑަލް ހޯދައިފަ އެވެ. ފައިނަލުގައި ފްރާންސް ބަލިވީ ސްޕޭން އަތުންނެވެ.

އަހަރެން ޝުކުރު އަދާކުރަން ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނަށް މި ފުރުސަތު ދިން ކަމަށްޓަކައި. އަހަރެންގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަހަކީ އޮލިމްޕިކް ފައިނަލްގައި ކުޅުނު ދުވަސް. ސިލްވާ މެޑަލް ހޯދައިދިނުމަކީ ބޮޑު ކާމިޔާބީއެއް އަހަރެން ދެކޭ ގޮތުގައި.
ފޯވަޑް ތިއޭރީ އޮންރީ

1998 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ހޯދައިދިން ފޯވަޑް ވަނީ މީގެ ކުރިން ބެލްޖިއަމްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ވެސް މަސައްކަތް ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް