ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 05:31
އަލް އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒެމާ
އަލް އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒެމާ
ރޮއިޓާސް
އަލް އިއްތިހާދު
ބެންޒެމާ އެދުނީ މުސްތަޤުބަލަށް ވާނެ ގޮތެއް ބަލަން ތިބުމަށް!
 
އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު ވެސް މީޑިއާ ތަކުގައި ގިނަ ވާހަކަތަކެއް ދެކެވެމުންދާ ކަމަށް ބެންޒެމާ ބުނި

ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒެމާގެ މުސްތަޤުބަލަށްވާ ގޮތެއް ބަލަން ތިބުން އެދޭ ކަމަށް ބުނެ، އޭނާ ފިނި ޖަވާބެއް ދީފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އަލް އިއްތިހާދަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް އޭނާ އަލް އިއްތިހާދަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އަލް އިއްތިހާދުން މި ސީޒަންގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭތީ، ބެންޒެމާ އެ ކުލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެގޮތުން ބެންޒެމާ، އަލުން އެނބުރި ޔޫރަޕުގެ ފުޓުބޯޅަ އަށް ހިނގައިދާނެ ކަމަށް މީޑިއާ ތަކުން އޮތީ ރިޕޯޓު ކޮށްފަ އެވެ.

މުސްތަޤުބަލާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބެންޒެމާ ބުނީ، މުސްތަޤުބަލުގައި ކަންތައް ވާނެ ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، މިވަގުތަށް އެންމެ މުހިންމީ އަލް އިއްތިހާދާއެކު ކުރިއަށް ދިއުން ކަމަށާއި، މިހާރު ކުރަމުން އަންނަ މަސައްކަތް ނިންމުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު ވެސް މީޑިއާ ތަކުގައި ގިނަ ވާހަކަތަކެއް ދެކެވެމުންދާ ކަމަށާއި، ކަންތައް ވާނެ ގޮތެއް ބަލަން ތިބެން ޖެހޭނެ ކަމަށް ވެސް ބެންޒެމާ ވަނީ ބުނެފަ އެވެ.

ބެންޒެމާ އަލް އިއްތިހާދު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، ސައުދީ ލީގުގެ ވެރިން ބޭނުން ވަނީ ބެންޒެމާ އެ ލީގުގައި ހުންނާށެވެ. އޭނާ އަލް އިއްތިހާދު ދޫކޮށްލަން ބޭނުންވި ނަމަވެސް، ސައުދީ ލީގުގެ އެހެން ކުލަބަކަށް ބަދަލުވާން ވެސް ސައުދީ ލީގުގެ ވެރިން ބޭނުންވެ އެވެ. ސައުދީ ލީގު ދޫކޮށް، ބެންޒެމާ އަލުން ޔޫރަޕުގެ ފުޓުބޯޅަ އަށް އެނބުރި ދާނީ، ސައުދީގައި އޭނާގެ މުސާރަ ކުޑަކޮށްފި ނަމަ ކަމަށް، އޭރު މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

އަލް އިއްތިހާދަށް ބަދަލުވެ ބެންޒެމާ އަންނަނީ އެ ކުލަބުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް، ޓީމެއްގެ ގޮތުގައި އެންމެ އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ ބެންޒެމާ ހިތްހަމަ ނުޖެހޭ ކަމަށް ސައުދީގެ މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ބެންޒެމާ ވަނީ މިހާތަނަށް އަލް އިއްތިހާދަށް ކުޅުނު 30 މެޗުން 15 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ނުވަ ލަނޑަކީ ސައުދީ ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް