ކ. މާލެ
|
15 ޑިސެންބަރ 2022 | ބުރާސްފަތި 13:06
ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ
ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ
ޓްވިޓަރ/ނައުޓީމަޓޮކްސް
ރިލްވާން ގެއްލުވާލުން
ރިލްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓު ރައީސަށް އަރުވަނީ
ރިޕޯޓު މިއަހަރު މެދުތެރޭގައި ރައީސަށް އަރުވާނެކަމަށް ކުރިން ބުނެފައިވޭ
މަރު ކޮމިޝަން އުފައްދާފައިވަނީ 2018 ވަނަ އަހަރު
ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދުކުރެއްވި ވަރަށްވުރެ މާބޮޑުތަން ލަސް

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން" އެއްކޮށް ނިންމައި، ފައިނަލް ރިޕޯޓު ރައީސަށް އަރުވަން ނިންމައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ރައީސަށް ރިޕޯޓު އެރުވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގު މަރު ކޮމިޝަނުން އެއްކޮށް ނިންމައި، މިއަހަރު މެދުތެރޭގައި ރައީސަށް އަރުވާނެކަމުގެ ޔަގީންކަން މަރު ކޮމިޝަނުން ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދުކުރެއްވި ވަރަށްވުރެ މާބޮޑުތަން ލަސްކަމަށެވެ. އަދި އެކަމުގައި ކުރަންޖެހޭ މަސައްކަތާއި ފިލުވަންޖެހޭ އޮޅުން ބޮޑުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަރު ކޮމިޝަނުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވަނީ ކޮމިޝަންގެ ފަރާތުން ގިނަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި، ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުއާމަލާތްތައް އެނަލައިޒްކޮށްފައި ވާކަންވެސް ފާހަގަ ކުރައްވާފައެވެ.

މަރު ކޮމިޝަނުން ބަލަމުން ގެންދަނީ ހަމައެކަނި ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ އެކަންޏެއް ނޫނެވެ. މަރުގެ ބޮޑެތި މައްސަލަތަކެއް ކޮމިޝަނުން ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް ކޮމިޝަނުން ތަހުގީގު ނިންމައި، ފައިނަލް ރިޕޯޓު ނިމިފައިވަނީ މަދު މައްސަލައެއްގެއެވެ.

އެކަމުގެ ސަބަބެއްކަމަށް ކޮމިޝަނުގެ މެމްބަރުން އޭރު ފާހަގަ ކުރައްވާފައިވަނީ، ވަކި މުއްދަތެއް ކަނޑައަޅައި، ވަކި ތާރީޚެއް ކަނޑައަޅައިގެން ކަންކަން ނިންމާނެކަމަށް ބުނަން ބޭނުން ނުވާކަމަށާއި، "ކަމަކަށް ކަމެއް ކުރަން ބޭނުން ނުވާ" ކަމަށެވެ.

ބޮޑެތި މަރުތަކުގެ މުހިންމު މައުލޫމާތުތައް ކަމާބެހޭ މުއައްސަސާތަކުން ނަގާފައި ނެތްކަމަށާއި، އެ ރެކޯޑްތައް މިހާ ދުވަސް ފަހުން ލިބެން ނެތްކަމަށް ފާހަގަކޮށް، އެއީ ކޮމިޝަނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. 

މަރު ކޮމިޝަން އުފައްދާފައިވަނީ 2018 ވަނަ އަހަރުއެވެ. 

ރިލްވާންގެ މަރާއި ޔާމީން ރަޝީދުގެ މަރާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާ އުފުލައި މިހާރު ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދެއެވެ. އެގޮތުން "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން" ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލައިގައި، ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައެޅީ 1 އޯގަސްޓު 2022 ގައެވެ.

މި މައްސަލައިގައި ހިމެނޭ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމްގެ މައްޗަށް 2 ދައުވާއެއް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މއ. ފާގަފިލާގެ، އަހުމަދު އިސްމާއީލްގެ މައްޗަށްވެސް 2 ދައުވާއެއް ވަނީ އުފުލާފައެވެ. މި ދެމީހުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ، ދަފްތަރު ނަންބަރު 8499، އަހުމަދު މުއާޒުގެ މައްޗަށް 1 ދައުވާ އުފުލާފައިވެއެވެ.

އެ 3 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އެމީހުންގެ ޝަރީއަތް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.

- ކޮމެންޓް