ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ލެގޫންސް އިން ހޯދައިފިއެވެ.
ލެގޫންސް އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ މަސްއޮޑި ސްޕޯޓްސް ކުލަބް ބަލިކޮށްގެންނެވެ. އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗު ލެގޫންސް އިން ކާމިޔާބުކުރީ 2-1 އިންނެވެ.
މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ލީޑު ނެގީ ވެސް ލެގޫންސް އިންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ލެގޫންސްގެ ފުރަތަމަ ލަނޑު ޖެހީ މުޙައްމަދު ޝިފާން މުޙައްމަދު ނަޒީރުއެވެ. ދެ ވަނަ ހާފުގައި ލެގޫންސްގެ ދެ ވަނަ ލަނޑު ވެސް ޖަހައިދިނީ ޝިފާންއެވެ. މަސްއޮޑީގެ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެެއްކި ވަގުތުގައި ޖެހީ ޙުސެއިން ޝަރީފް (އޮންލީ)އެވެ.
މިއަހަރުގެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އަނަކީ ސްޕޯޓްސް ކުލަބެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ލެގޫންސްގެ ކީޕަރު ޖިނާޙު ޙަސަންއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެގޫންސްގެ މުޙައްމަދު އަމަން މުޙައްމަދު ފައިޒާއެވެ.
ތިން ވަނަ ޑިވިޝަންގައި މިއަހަރު ވަނީ ޖުމުލަ 17 ޓީމަކުން ވާދަކޮށްފައެވެ.