ބުނެފާނެއެވެ. އެއީ ދެމަފިރިންގެ ދެމެދުގައި އޮތް މައްސަލައެއް ނޫން ހެއްޔެވެ؟ ބުނެފާނެއެވެ. އެބައެއްގެ ތެރޭގައި ޖެހޭ މައްސަލަތައް ހައްލުކުރާނީ އެބައެކެވެ. އަދި ބުނެފާނެއެވެ. ދެމަފިރިންގެ ތެރޭގައި މައްސަލަ ނުޖެހެނީ ކޮންބައެއްގެ ދެމެދުގައި ހެއްޔެވެ؟ މިއީ ހައްތަހާވެސް ގެވެށި އަނިޔާގެ ވާހަކަ ދެކެވޭ އިރު އެ ވާހަކަ ދިފާއުކުރުމަށް ދެކެވޭ ވާހަކަތަކެވެ. މީހަކަށް އަނިޔާ ކުރާކަން އެނގޭ ހިނދު ނޫނީ އަނިޔާ ކުރާ ކަމަށް ޝައްކު ކުރެވޭ އިރު އެ ވާހަކަދެއްކުމުން އެ ވާހަކަ އޮއްބާލަނީ މިފަދަ ސުވާލުތަކާއި އެކުގައެވެ.
ފަހަރުގައި މިއީ އާދައިގެ ވާހަކައަކަށް ވީ ކަމަށް ވެދާނެއެވެ. އެކަމަކު މިއީ ކިހާ ސީރިއަސްކަމެއްކަން އެނގެނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހަކު މަރުވާ ހިސާބުންނެވެ. ހދ.ނޮޅިވަރަމްގައި މަރުވި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރަކީ މިފަދަ މިސާލެކެވެ. ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ. ނިޝާމާގެ މަރާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ރަށުތެރޭގައި ވާހަކަދެކެވޭ އިރު އޭނާގެ ފިރިމީހާ އަށް އާއިލާ އިން ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ނިޝާމާގެ މަރުގައި އޭނާގެ އަތެއްވާ ކަމަށް އާއިލާ އިން ތުހުމަތުކުރާ އިރު މިހާތަނަށް ލިބޭ މައުލޫމާތުތަކަށް ބަލާ އިރު މިއީ ގެވެށި އަނިޔާގެ މައްސަލައަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
ނިޝާނާ އާއި އާއި އޭނާގެ ފިރިމީހާ އާއި ދެމެދުގައި ޒުވާބުކުރާ ކަމަށާއި ބައެއް ފަހަރު ވަރަށް އިހުތިރާމް ކުޑަކޮށް މުއާމަލާތުކުރާ ކަމަށް އެ ރަށުން "ރާއްޖެ އެމްވީ" އާއި ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި އެ ރަށުން ވާހަކަދެއްކި އިތުރު މީހަކު ވަނީ ނިޝާމާގެ ގައިން މީގެ ކުރިން ވެސް ޒަހަމްތަކެއް ފެނިފައިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ޒަހަމްތަކަކީ ކިހިނެތް ލިބުނު ޒަހަމްތަކެއްތޯ ސުވާލުވެސް ކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނިޝާނާގެ ހަށިގަނޑު ދުށްމީހަކާއި ހަވާލާދީ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައި އޮތް އިރު ނިޝާނާގެ ހަށިގަނޑުން ޒަހަމްތަކުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ. އެގޮތުން ކަރާއި އަތާއި މޫނުން ޒަހަމްގެ ނިޝާންތައް ފެންނަން ހުރި ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ނިޝާމާ އަށް އޭނާގެ ފިރިމީހާ އަނިޔާ ކުރާ ކަމަށާއި އެކަން އެ ހިސާބުގަނޑު ބައެއް މީހުންނަށް ވެސް އެނގޭކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހެންނަމަވެސް ހިތާމައަކީ މިފަދަ އެއްވެސް މައްސަލަ ކަމާއި ބެހޭ އިދާރާ އަކަށް ރަސްމީސިފައެއްގައި ރިޕޯޓްކޮށްފައި ނެތްކަމެވެ. އެ ރަށު ކައުންސިލުން ވަނީ ގެވެށި އަނިޔާގެ މައްސަލަ އެއް ނިޝާމާގެ ފިރިމީހާ އާއި މެދު ރިޕޯޓްކޮށްފައިވާކަން އެނގިފައި ނުވާ ކަމަށް ބުނެފައެވެ. މިހާރު ނިޝާމާގެ ފިރިމީހާ ހުރީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ވިސްނާލަން ޖެހޭ ކަމަކީ މި ހާދިސާ އަށް ފަހު ދެކެވޭ ވާހަކަތަކުން މުޖުތަމައުއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އިހުމާލުވާ މިންވަރު ހާމަވެ އެނގޭކަމެވެ. އަނިޔާކުރާ މީހާ އަކީ މަ ރުޅިގަދަ މީހަކަށް ވީމަ ނޫނީ އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަަމަށް ބެލެވޭތީ އެކަމާއި އަޅާލުމަށް ވުރެ އަޅާނުލުން ފަސޭހަ ކަމަކަށް ވަނީކަންނޭނގެއެވެ. އަނިޔާ ލިބޭ މީހާ އަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކުނެތެވެ. އޭނާ އަށް އަނިޔާ ލިބޭކަން އެނގި ހުރެ ނޫނީ އެފަދަ ކަމެއް ހިނގާކަމަށް ބެލެވުނު އިރު އެ ވާހަކަދައްކާނެ ދުލެއް ނެތެވެ. އެ ކަން ރިޕޯޓްކުރި މީހަކު ނެތެވެ. އެ ދުވަހު އެ ނިޝާންތަކަށް ދެއްކީ ކަނު ލޮލެކެވެ. ދިނީ ބީރު ކަންފަތެކެވެ. އެކަންކަމުން ހޭލައްވާލީ އަނެއްކާވެސް މައުސޫމް ފުރާނައެއް ގެއްލުމުންނެވެ.
ގެވެށި އަނިޔާގެ ވާހަކަ ދެކެވެނީ މިފަދަ ހާދިސާތަކުގެ ހިޔަލުގައި ދެތިން ހަފްތާއެއްހާ ދުވަހެވެ. އަނެއްކާވެސް އެ ވާހަކަތައް އޮބެނީއެވެ. ސުވާލަކީ އަނިޔާ ލިބޭ މީހާއަކީ ތިމާގެ މަންމަ، ކޮއްކޮ ނޫނީ ދައްތަ ނަމަ އަމަލުކުރާނީ ހަމައެހެންތޯއެވެ؟ ޒާތީ ކަމަކަށްވީމަ އަޅާ ނުލާނީ ތޯއެވެ؟ ތިމާ އަށް ކޮށްލެވޭ ކުޑަކަމަކުން މިފަދަ އެތައް ހާދިސާއެއް ހުއްޓިވިދާނެއެވެ. މިފަދަ ކަންކަން ރިޕޯޓްކުރަމާތޯއެވެ.