ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް ނުކުންނަނީ އިތުބާރާއެކުއެވެ. ދެ ވަނަ ބުރުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ޕޯޗުގަލް ވަނީ ސްވިޒަލޭންޑް ކޮޅަށް ހަ ގޯލު ޖަހާފައެވެ. މިކަމުގެ ފަހަތުގައި ވަނީ ޕޯޗުގަލްގެ ވަރުގަދަ ފޯވަޑް ލައިނެވެ. ބެންޗުން އެރި ފޯވަޑް ލިޔާއޯ ވެސް ވަނީ ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި ގޯލެއް ޖަހައި ސްކޯރ ޝީޓަށް އަރާފައެވެ. މެޗުގައި ގޯލެއް ނުޖެހުނީ ފަހު ހާފުގައި ކުޅެން ނުކުތް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.
ސްވިޒަލޭންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗަކީ 2006ގެ ފަހުން ޕޯޗުގަލްގެ ކޯޗަކު ނިންމި އެންމެ ނާޒުކު ނިންމުމާއެކު ފެށި މެޗެވެ. ކޯޗު ފެނާންޑޯ ސަންޓޯސް މި މެޗަށް ނުކުތީ ރޮނާލްޑޯ ފުރަތަމަ 11ން ބާކީކޮށްގެންނެވެ. ސަންޓޯސްގެ މި ނިންމުމަކީ އޭނާއާ ރޮނާލްޑޯއާ ދެމެދު ފާއިތުވެދިޔަ 10 ވަރަކަށް އަހަރު އޮތް ރަހުމަތްތެރިކަމުގެ ގޮށް މުޅިން މޮހޭނެފަދަ ނިންމުމެކެވެ. މިއާއެކު ރޮނާލްޑޯ ދަނޑަށް ނުކުތްއިރު އޭނާ ވަށައިގެން ހުރިހާ ކެމެރާމަނުންނާއި ފޮޓޯގްރާފަރުންނާއި ނޫސްވެރިން ތިބީ، މިއީ ދުނިޔެ މިދިޔަ 10 ވަރަކަށް އަހަރު ދެކޭ އެންމެ ނާޒުރު މަންޒަރުކަމަށް ގަބޫލުކޮށްގެންނެވެ. އެއަށްފަހު ދެން ފެނިގެންދިޔައީ ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރުވި ގޮންކާލޯ ރާމޯސް މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި މަންޒަރެވެ.
މިއާއެކު ދަނޑު ބޭރުގައި ހުރި ރޮނާލްޑޯގެ މޫނުމަތިން ފެނުނު އުދާސްތަކާއި އޭނާ އެއްލޯ މަރައިލި ގޮތުން ކޯޗާމެދު އޮތް ނުތަނަވަސްކަން މުޅި ދުނިޔެއަށް ސާފުވިއެވެ. އަދި ފަހު ހާފުގައި ކުޅެން ނެރުމުގެ ކުރިން ކޯޗު އޭނާ ގާތުގައި އިށީނދެ އިނދެ ދިން އިރުޝާދުތަކަށް މާބޮޑު ފާރުވާލެއްނެތި، ބޫޓުގެ ނާޑުވާ ރަނގަޅު ކޮށްލާފައި މޫނު އަނބުރާލައި ކޯޗަށް ފުރަގަސްދިން މަންޒަރަކީވެސް ބޮޑު ބަހުސަކަށް ބަދަލުވި މަންޒަރެކެވެ. މެޗަށްފަހު ހުރިހާ ކުޅުންތެރިން އުފާ ފާޅުކުރަމުން ދަނިކޮށް، އެކަމުގައި ހޭކިލާފައި އެކަނިމާއެކަނި މާ އަވަހަށް ޗޭންޖިން ރޫމަށްދިޔަ މަންޒަރު މުޅި ދުނިޔެ ބަލަމުން ދިޔައީ ދެންވާނެ ގޮތަކާމެދު ސުވާލު އުފައްދަމުންނެވެ. އެއަށްފަހު ދެން އިވުނީ ބަދަލު ކުޅުންތެރިންނާއެކު ފަރިތަކުރަން ދެކޮޅު ހަދައި، ފުރަތަމަ 11ގައި ކުޅުނު ކުޅުންތެރިންނާ ބައިވެރިވާން ރޮނާލްޑޯ ޖިމް ހަދަން ދިޔަ ވާހަކައެވެ.
މިއާއެކު މީޑިޔާތަކުގެ ފަލަ ސުރުޚީތައް ފުރާލީ ޕޯޗުގަލް ޓީމާ ވަކިވާން ކޯޗާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ރޮނާލްޑޯއަށް މަޖުބޫރުކުރި ވާހަކަތަކެވެ. އެއަށްވުރެ ކުރިން ނޫސްތަކުގައި ހުރި ވާހަކަތަކަށް ބާރު ލިބެނީ ރޮނާލްޑޯގެ ހަޔާތުގެ ބައިވެރިޔާ ޖޯޖީނިއާ، ސްވިޒަލޭންޑްގެ މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނުލައި ޕޯޗުގަލް ކުޅުމުންދިއުމަކީ ކޮންފަދަ ލަދުވެތިކަމެއްތޯ އަހައި ބެލުންތެރިންނަށް ބޮޑު ސުވާލެއް ދޫކޮށްލުމުންނެވެ.
މި ހުރިހާ ކަމަކަށް ޖަވާބުދެމުން ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ބެންޗުގައި ރޮނާލްޑޯ ބޭންދި ސަބަބު އޭނާއަށް ވިސްނައިދޭން ވަރަށް ގިނަ ވަގުތު ހޭދަކުރެވިއްޖެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ކޮންމެ މީހަކުވެސް ރޮނާލްޑޯ އެކަނި ދޫކޮށްލުން ކަމަށެވެ. އަދި އޭނާއަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށާއި ޓީމު ދޫކޮށްދާން ރޮނާލްޑޯއަށް އެކަކުވެސް މަޖުބޫރު ނުކުރާނެކަމަށެވެ.
ސްވިޒަލޭންޑް އަތުން ހޯދި މޮޅާއެކު މިވަގުތު ޕޯޗުގަލް އޮތީ ވަރަށް ބޮޑު އިތުބާރަކާއެކުއެވެ. ކޯޗު މިރޭގެ މެޗު ފަށާނީ ކުރީ މެޗުގައިވެސް ބޭނުންކުރި ފުރަތަމަ 11 އާއެކުއެވެ. ކުރިއަށް ކުޅޭނީ ގޮންކާލޯ ރާމޯސްއެވެ. ސްޕެއިން އަތުން މޮރޮކޯ މޮޅުވި މެޗުގައި ކޯޗު ލުއިސް އެންރީކޭގެ ލޮލުގައި އަޅައިގަތީ މޮރޮކޯގެ އަޒީޒުއްދީން އޮއުނާހީގެ ކުޅުމެވެ. އެންރީކޭ ދުށްގޮތުގައި ސްޕެއިން ބަލިވުމުގެ އަސްލަކީ މެދުތެރެއިން ވަރުބަލިވުމެއް ނެތް އަހެއް ފަދައިން ދުވެ، އޮހުނާއީ ހޯދި ބޯޅަތަކެވެ. މިހެންވެ އަޝްރަފް ހަކީމީއާއި ހާކިމް ޒިޔެޗް އަދި އަމްރަބަށްވުރެ ބޮޑަށް ޕޯޗުގަލް ޓީމުން މިރޭ އޮހުނާއީއަށް ސަމާލުކަންދޭނެއެވެ. މޮރޮކޯއަކީ ޑިފެންސް ވަރުގަދަ ޓީމެއް ނަމަވެސް ޕޯޗުގަލްގެ އެޓޭކަރުންގެ ކިބައިގައި ގޯލް ފޫދުއްވާލާނެ ހުރިހާ ހުނަރަކާ ގާބިލްކަމާއި ވިސްނުން ހުރިކަމަށް އެމީހުން ތިބީ ޔަގީންކޮށްގެންނެވެ.