މިހާތަނަށް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބޮޑު ދަނޑެއްގަ އެވެ. ތަފާތު އެތައް ސަބަބުތަކާހެދި އެވެ. ނަމަވެސް ފްރާންސްގައި މިރޭ ފަށާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަނީ ޕެރިހުގެ މައި ކޯރު ކަމަށްވާ ސެން ކޯރުގަ އެވެ.
ސެން ކޯރަކީ 777 ކިލޯމީޓަރުގެ ދިގު ކޯރެކެވެ. މިއީ 1991 ވަނަ އަހަރުން ފެށިގެން ޔުނެސްކޯގެ އާސާރީ ލިސްޓުގައިވާ ތަނެކެވެ. ފްރާންސްގައި 1900 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ސްވިމިން އިވެންޓްތައް ބޭއްވީ ވެސް މި ކޯރުގައެވެ. އޭގެ 124 އަހަރު ފަހުން ފްރާންސްގައި މި ފަހަރު ބާއްވާ އޮލިމްޕިކްސްގެ ފެތުމާއި ހުޅުވުމުގެ ރަސްމިއްޔާތު މިތަނުގައި ބާއްވަން ނިންމީ ގައުމުގެ އިހުގެ ތާރީހަށް އިހްތިރާމްކޮށް އެ ހަނދާންތަކަށް އާ ކުރުމުގެ ގޮތުން ވެސްމެ އެވެ.
ނަމަވެސް މި ކޯރަކީ ތަފާތު އެތައް އުޅަނދެއް ދުއްވާ ތަނަކަށްވެފައި، ފަތާ މީހުންނަށް މި ކޯރު ބޭނުންކުރުން މަނާކޮށްފައިވާތާ 100 އަހަރުވެއްޖެ އެވެ.
ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި ކޯރުގެ އެންމެ ބޮޑު މައްސަލައަކީ ފެންގަނޑު އިންސާނުން އެރިއުޅެން ކަމުދާ ވަރަށްވުރެ ބޮޑަށް ތަޣައްޔަރުވެފައިވުމެވެ. މިކަން ހައްލުކޮށް އޮލިމްޕިކްސް މިންގަނޑަށް ފެތޭ ފެނަށް މި ކޯރުގެ ފެން ބަދަލުކުރުމުގެ ގޮތުން ޕެރިހުގެ މައި އިދާރާތަކުން ވަނީ އޮލިމްޕިކްސް އަށް ކޯރު ސާފު ކުރުމަށް 1.5 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. މި މަސައްކަތުގައި 49 ލިޓަރުގެ ކުނި ނަގާފައިވެ އެވެ. މިވަރުން ނުވެގެން މިއީ ރައްކާތެރިތަނެއްކަން ދެއްކުމުގެ ގޮތުން ހުސްވި ހަފުތާގައި ޕެރިހުގެ މޭޔަރު އޭން ހިޑާލްގޯ ވަނީ ސްވިމިން ސޫޓްގައި ސެންކޯރަށް އެރިވަޑައިގެންފަ އެވެ. އެއަށްފަހު ވިދާޅުވީ ކޯރުގެ ފެންބަރާބަރު ކަމަށާއި ކުޑަކޮށް ފިނިވުން ނޫން ކަމެއް ފެނުގައި ނެތްކަމަށެވެ.
ނަމަވެސް އަދިވެސް މި ކޯރަކީ އިންސާނުން އެރި އުޅެން އެންމެ އެކަށީގެންވާ ތަނެއްކަމަށް ތިމާވެއްޓާއި ސިއްހީ މާހިރުން ނުދެކެ އެވެ. އެއީ ދުއްވާ އެއްޗެހީގެ ތެލާއި ދަނޑުހެއްދުމަށް ބޭނުންކުރާ ތަކެތީގެ ކުނިބުންޏާއި، އިންސާނުންގެ ކުޑަކަމުދާ ތަކެއްޗާއި، ރީތިވުމަށް ބޭނުންކުރާ ކޮސްމެޓިކްސް (ލިޕްސްޓިކާއި އެނޫން ފަދަތަކެތި) އާއި އިސްތަށި ފަދަ ތަކެތީގެ ޖަރާސީމު ކޯރުގައި އެކުލެވޭ ކަމަށްބުނެ އެވެ. މިވާހަކަ މި ގޮތަށް ދައްކައި އުޅެނީ ޖޫން މަހު ކޯރުގެ ފެން ޓެސްޓުކުރިއިރު އެންމެ ބޮޑަށް ފެނިފައިވަނީ މޫނުގައި އުނގުޅާ ބާވަތްތަކުގެ ބެކްޓީރިއާ ކަމުގައިވާތީ އެވެ. މީގެ އިތުރުން މި ކޯރަށް އެރިއުޅުނު ސަލާމަތީ ފަރާތްތަކުގެ ބައެއް މީހުންނަށް އަވަސް އަވަހަށް ބޮޑުކަމުދިއުމާއި އެނޫން ވެސް ސިއްހީ އުނދަގޫތައް ދިމާވެފައިވާތީ އެވެ.
އެކަމަކު މި ފަހަރުގެ އޮލިމްޕިކްސްގެ ފެތުންތެރިންނަށް މި ކޯރަށް ނޭރި ފަރުޖައްސާލެވޭނެ ހަމައެކަނި ގޮތަކީ މުބާރާތުން ވަކިވުމެވެ.