Advertisement
ކ. މާލެ
|
9 ޑިސެންބަރ 2022 | ހުކުރު 16:17
މަހްފޫޒް ސައީދު
މަހްފޫޒް ސައީދު
ރާއްޖެއެމްވީ
މަހްފޫޒް އަށް ހަމަލާ ދިން މައްސަލަ
މަހްފޫޒް އަށް ހަމަލާ ދިން މައްސަލަ: އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ދައުވާ ސާބިތެއް ނުވި
ގާޒީ އަލީ އާދަމް ވަނީ މި މައްސަަލައިގައި ދައުވާކޮށްފައިވާ ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތުވަ މިންވަރަށް ހެކި ނެތް ކަމަށް ނިންމަވާފަ

2015 ވަނަ އަހަރު ޤާނޫނީ ވަކީލް މަހްފޫޒް ސައީދު އަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ދައުވާކުރި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މި މައްސަަލައިގައި ދައުވާކޮށްފައިވާ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތު ނުވާ ކަމަށް ނިންމަވާފައެވެ. މި މައްސަލައިގައި ދައުވާ ކޮށްފައިވާ ރ.އިނގުރައިދޫ/ ކަރަންކާގޭ ހުސެއިން ޝަފްރާޒްގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާއެވެ. ދައުލަތުން ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 17:00 ހާއިރު ގއ.ކޮލަމާފުށީ /ވިކްޓްރީ، މަހްފޫޒް ސައީދު، މާފަންނު ފަރީދީ މަގުގައި ހުންނަ "ދަ އޮލިވް ގާޑަން ރެސްޓޯރެންޓުގައި" ހުރި އިރު މަހްފޫޒަށް ޝަފްރާޒް އާއި އިތުރު ބަޔަކު ފާރަލާފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މަހްފޫޒަށް ފާރަލީ މީހުން، އެ ރެސްޓޯރެންޓުން މަހްފޫޒް ނުކުތުުމުން އެ މައުލޫމާތު ޝަފްރާޒް އަށާއި ހުޅުމާލެ 11270/އަހުމަދު ރާއިދު އަށް ދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެއަށް ފަހު އޭނާ ރާއިދު ގޮވައިގެން ޖީއެން ސައިކަލެއްގައި ގޮސް، މަހްފޫޒް މުއިވެޔޮމަގުގައި ހުންނަ ކޮޅުބެދިފައި ހުންނަ ގޯޅި ކުރިމަތީގައި ސައިކަލެއްގައި އިންދާ އޭނާ އަށް ވަޅިން ހަމަލާދިން ކަމަށް ވެސް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ގާތްގނަޑަކަށް ހަ އިންޒި ހުންނަ ވަޅިއަކުން މަހްފޫޒްގެ ބޮލުގެ ވާތްފަޅިން ކަންފަތާއި ދިމާއަށް ހަރާލުމުން، ޝަފްރާޒް ރާއިދު ގޮވައިގެން އެ ސަރަހައްދު ދޫކޮށް ސައިކަލުގައި ގޮސްފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

Advertisement

މި މައްސަލަ ޝަފްރާޒްގެ މައްޗަށް ސާބިތު ނުވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައި ވަނީ މައްސަލަ ސާބިތު ކުރަން ހުށަހަޅާފައިވާ ހެއްކާއި ގަރީނާ އަށް ބަލާ އިރު ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާ ސާބިތާވާމިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ ކަމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.ޝަފްރާޒްގެ މައްޗަށް ދައުވާ އުފުލާ، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 18 ޖުލައި 2019 ވަނަ އަހަރެވެ.

މަހްފޫޒް އަށް ތޫނުއެއްޗަކުން ހަމަލާ ދިން މައްސަލައިގައި ދެން ދައުވާ އުފުލާފައި ވަނީ ދަފްތަރު ނަމްބަރު 6201 ފިރާޒް ޖައުފަރު އާއި މާލެ، ހ.ސެނާ ޚާލިދު ނަފީއު އާއި ހުޅުމާލެ 11270 އަހުމަދު ރާއިދުގެ މައްޗަށެވެ. އޭގެ ތެރެއިން ރާއިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާއެވެ. ފިރާޒް އާއި ނަފީއުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ހަވީރު 17:00 ހާއިރު ފިރާޒް އާއި ހާލިދު މަހްފޫޒަށް ފާރަލާފައިވާ ކަމަށް ބުނެފައެވެ. އަދި މަހްފޫޒް އޮލިވްގާޑެން ރެސްޓޯރެންޓުން ނުކުތުމުން އެ މައުލޫމާތު ރާއިދު އާއި އިތުރު މީހަކަށް ދީފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. އޭގެ ފަހުން އިތުރު މީހަކާއި އެކު ޖީއެން ސައިކަލެއްގައި ގޮސް މަހްފޫޒަށް ހަމަލާ ދިނީ ރާއިދު ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މައްސަލަ ބެއްލެވި ގާޒީ ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ދައުވާސާބިތު ވާވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާތީމައްސަލަ ސާބިތު ނުވާ ކަމަށް ނިންމަވާފައެވެ. މި މައްސަލައިގައި ރާއިދު އާއި ނަފީރު އަދި ފިރާޒް އަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ 4 ފެބްރުއަރީ 2016 ވަނަ އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް