ކ. މާލެ
|
9 ޑިސެންބަރ 2022 | ހުކުރު 09:26
މީރާ އިން މިދިޔަ މަހު ބަލައިގަތް އާމްދަނީ ބިލިއަނަކަށްވުރެ މަތި
މީރާ އިން މިދިޔަ މަހު ބަލައިގަތް އާމްދަނީ ބިލިއަނަކަށްވުރެ މަތި
ރާއްޖެއެމްވީ
ދައުލަތުގެ އާމްދަނީ
މިދިޔަ މަހު މީރާއިން 1.51 ބިލިއަން ރުފިޔާ ބަލައިގަނެފި
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ
މިއީ ނޮވެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 43.7 އިންސައްތަ އިތުރު އަދަދެއް

ނޮވެންބަރު 2022 ގައި މީރާއަށް 1.51 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 20.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި ނޮވެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 43.7 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2021 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ނޮވެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަށް އެކްސްޓެންޝަން ފީ، އިންކަމް ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕަރޗަރ ޓެކްސް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މިގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން އަދި އޮކްޓޫބަރު 2021 އާއި އަޅައިބަލާއިރު، އޮކްޓޫބަރު 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.2 އިންސައްތަ އިތުރުވުމުގެ ސަބަބުން، ނޮވެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ކުރީގެ މުއްދަތުތަކަށް ނުލިބިވާ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުމުމަކީވެސް އާމްދަނީ އިތުރު ވުމުގެ ސަބަބެއް ކަމުގައި މީރާއިން މައުލޫމާތުދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2022 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2021 ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު ނޮވެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ނޮވެންބަރު 2021 ގައި ލިބިފައެއް ނުވެއެވެ.

ނޮވެންބަރު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 52.3 އިންސައްތަ ނުވަތަ 787.62 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައެވެ. އެއީ 15.3 އިންސައްތަ ނުވަތަ 230.35 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 145.34 މިލިއަން ރުފިޔާ (9.6 އިންސައްތަ)، ގްރީން ޓެކްސްގެ ގޮތުގައި 76.29 މިލިއަން ރުފިޔާ (5.1 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 73.36 މިލިއަން ރުފިޔާ (4.9އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 193.85 މިލިއަން ރުފިޔާ (12.9އިންސައްތަ) ލިބިފައިވެއެވެ.

ނޮވެންބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

- ކޮމެންޓް