ކ. މާލެ
|
8 ޑިސެންބަރ 2022 | ބުރާސްފަތި 11:34
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުޙައްމަދު މިސްބާހު
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުޙައްމަދު މިސްބާހު
މުހައްމަދު ޝަރުހާން
ހިޔާނަތްތެރިވުން
ބުކިންގ ހެއްދުމަށް ހުށަހެޅި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި 2 މަހުގެ ޖަލު ޙުކުމެއް
އޭނާގެ މައްޗަށް ކޮށްފައިވަނީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ
އޭނާ ކުރި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް
2 މަހާއި 6 ދުވަހަށް އޭނާ ޖަލަށްލުމަށް ވަނީ ޙުކުމްކުރައްވާފައި

ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް ބުކިންގ ހެއްދުމަށް ހުށައެޅި ހުށައެޅުމެއް ބަލައިގަނެ، އެކަމާ ގުޅޭ ފައިސާވެސް ބަލައިގަތުމަށްފަހު އެ ފައިސާ އެހެން ބޭނުންތަކަށް ބޭނުންކޮށްފައިވާތީ ކުރި ދައުވާ ސާބިތުވެ، މ.ވެރާ ހަސަން ޙާޝިމްގެ މައްޗަށް 2 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވަނީ ޕެރަޑައިސް ރިޒޯޓުގައި ޗުއްޓީ ހޭދަކުރުމަށް ބުކިންގ ހެއްދުމަށް ހުށައެޅި ހުށައެޅުމެއް ބަލައިގަނެ، އެކަމާ ގުޅޭ ފައިސާ ބަލައިގަނެ، ބުކިންގ ކޮންފަރމް ކޮށް، އެ ފައިސާ އެހެން ބޭނުންތަކަށް ބޭނުންކޮށްފައިވާތީއެވެ. އެއީ 4390 ޔޫއެސް ޑޮލަރެވެ.

ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު މިސްބާހު ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފައެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ. 

ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ އަދަބާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން ވަނީ އޭނާ ކުރި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްކަން ފާހަގަ ކުރައްވައި އެ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަސްކަން ފާހަގަ ކޮށްފައެވެ. ދައުލަތުން ބުނާ ގޮތުގައި މި މައްސަލައިގެ ބާވަތަށް ބަލާއިރު އޭނާގެ މުޅި އަދަބު ގޭބަންދަކަށް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް ޖަލު އަދަބުގެ ވަކި ބައެއް ގޭބަންދަށް ބަދަލު ކުރުމަށް ހުރަހެއް ނެތްކަން ދައުލަތުން ފާހަގަކުރިއެވެ.

މި މައްސަލައިގެ ޙުކުމް ކުރައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އޭނާ ކުރި ކުށުގެ އަސާސީ އަދަބުކަމަށްވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމުގެ މިންގަނޑު މަތިވާނެ ނުވަތަ ދަށްވާނެ ޙާލަތެއް ނެތް ކަމަށެވެ. ނަމަވެސް ޖަލު އަދަބުގެ ބާވަތް ބަދަލު ކުރެވިދާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އެގޮތުން ގާޒީ ވިދާޅުވީ، އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި، އޭނާ މުޖުތަމައުގައި އަދާކުރާ ދައުރަށް ބަލާއިރު، އޭނާއަށް ޖަލު އަދަބާއި ގޭބަންދުގެ އަދަބު މަސްހުނިކޮށްގެން އަދަބު ދެވިދާނެ ކަމަށެވެ.

އެގޮތުގެ މަތިން ގާޒީ މިސްބާޙު ވަނީ އޭނާގެ މައްޗަށް އަންނަ 1 އަހަރުގެ ޖަލު ޙުކުމް ގޭބަންދަށް ބަދަލު ކުރައްވައި، 2 އަހަރާއި 10 މަހަށް އޭނާ ގޭ ބަންދު ކުރުމަށް ޙުކުމް ކުރައްވާފައެވެ. އަދި އޭގެ އިތުރަށް 2 މަހާއި 6 ދުވަހަށް އޭނާ ޖަލަށް ލުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް