އުމުރުން 65 އަހަރުވުމުން ކޮންމެ ދިވެހި ރައްޔިތަކަށް ދައުލަތުން ދެމުން އައި 5،000 ރުފިޔާގެ އިނާޔަތް، މަދުން އާމްދަނީ ލިބޭ މީހުންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރަން ނިންމައިފިއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ގެންނަ ބަދަލުތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓުން ފާހަގަވާ އެންމެ ބޮޑު ބަދަލަކީ އުމުރުން ދުވަސްވާ މީހުންގެ އާބާދީ އިތުރުވަމުން ދިޔުމުން، ދުވަސްވީ މީހުންނަށް އެލަވަންސްގެ ގޮތުގައި ކުރަން ޖެހޭ ޚަރަދު މައްޗަށް ދާތީ, 65 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ދެމުން އައި އަސާސީ ޕެންޝަން "ޓާގެޓެޑް ޕެންޝަން" ނުވަތަ ސަރުކާރުން ކަނޑައަޅާ ބަޔަކަށް ދޭ އެލަވަންސެއްގެ ގޮތައް ގެންނަ ބަދަލެވެ.
މި ބަދަލާއެކު އުމުރުން 65 އަހަރު ވިޔަސް ދެން 5000 ރުފިޔާގެ އިނާޔާތް ލިބޭނީ ފޯރުންތެރިކަން ކުޑަ މީހުންނަށް އެކަނި ކަމަށް ސަރުކާރުން ބުނެއެވެ.
ފޯރުންތެރިކަމުގެ ކުޑަބޮޑުމިން ކަނޑައަޅާ ގޮތުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.
އަންނަ އަހަރުގެ އެޕްރީލު މަހުން ފެށިގެން އުސޫލު ބަދަލުކުރިއަސް، މިހާރު 5000 ރުފިޔާގެ އެލަވަންސް ލިބޭ އެންމެންނަށް އެ އެލަވަންސް ލިބޭނެ ކަމަށާއި ނަމަވެސް، އޭޕްރީލް މަހުން ފެށިގެން އައު އުސޫލު ތައާރުފް ކުރުމުން، 65 އަހަރު ފުރިގެން އަލަށް ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސް ދިނުމުގައި އެމީހެއްގެ ތަނަވަސް ކަމަށް ބަލާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މުއައްސަސާތަކުން ޕެންޝަނަށް ދޭ އަދަދުތަކުގެ ފަރަގުތައް ނައްތާލުމާއި އެއް ހަމައަކުން އިނާޔަތްތައް ދޭން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ.
އަލަށް ރިޓަޔަވާ ފަރާތްތަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ޕެންޝަންގެ އިނާޔަތްތައް ދިނުމަށްޓަކައި ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.