ކ. މާލެ
|
8 ޑިސެންބަރ 2022 | ބުރާސްފަތި 10:09
ޖަރުމަނުގެ ކޯޗު ފްލިކް
ޖަރުމަނުގެ ކޯޗު ފްލިކް
ރޮއިޓާސް
ޖަރުމަނުގެ ޤައުމީ ޓީމު
ވޯލްޑް ކަޕުން ކެޓި ނަމަވެސް ފްލިކް ވަކިނުކުރަން ނިންމައިފި
 
މުބާރާތުގެ ތެރެއިން ވެސް ފްލިކް ދިން ޔަގީން ކަމަކީ އޭނާ އަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް ޖަރުމަނުގެ ކޯޗުކަމުން ހަންސޫ ފްލިކް ވަކި ނުކުރަން ނިންމައިފިއެވެ.

މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތުން ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ޖަރުމަނު މޮޅުވީ އެންމެ މެޗަކުންނެވެ. އެއް މެޗުން ބަލިވިއިރު އަނެއް މެޗު އެއްވަރުވީއެވެ. ޖަރުމަނަށް ލިބުނީ ގްރޫޕްގެ ތިން ވަނަ އެވެ. މިއީ ޖަރުމަނު މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ވެސް އެ ޤަައުމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އެއާއެކު ޖަރުމަނުގެ ކޯޗުކަމުން ފްލިކް ވަކިކުރުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. ނަމަވެސް މުބާރާތުގެ ތެރެއިން ވެސް ފްލިކް ދިން ޔަގީން ކަމަކީ އޭނާ އަށް އެއްވެސް ޕްރެޝަރެއް ނެތް ކަމެވެ. ފްލިކް ބުނީ އޭނާ ހުރީ ޖަރުމަނުގެ އެއްބަސްވުމެއްގައި ކަމަށާއި، މަގާމުން ވަކިވާން ޖެހޭނެ ފަދަ ޕްރެޝަރެއް ނޯންނާނެ ކަމަށެވެ. އެއާއެކު ފްލިކްގެ ކުރިމަގާމެދު ސުވާލުތަކެއް އުފެދިފައި ވަނިކޮށް ޖަރުމަނުގެ ފުޓުބޯޅަ އިދާރާ އިން ނިންމާފައިވަނީ ފްލިކް މަގާމުގައި ބަހައްޓާށެވެ.

މިހާރު ޖަރުމަނުން ތައްޔާރުވަމުން އަންނާނީ 2024 ވަނަ އަހަރު އެ ޤައުމުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމަށެވެ. ޖަރުމަނާއެކު ފްލިކް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ވެސް އެ އަހަރުއެވެ. ޖަރުމަނުގެ ކޯޗުކަމުގެ މަގާމުން ޔަކީމް ލޯ ވަކިވުމާއެކު އެ މަގާމަށް ފްލިކް ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނު ވަނީ މިހާތަނަށް 19 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 11 މެޗުން މޮޅުވެފައިވާއިރު، ބަލިވީ ދެ މެޗުންނެވެ. ހަ މެޗަކުން ވަނީ އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
0%
0%
67%
0%
0%
ކޮމެންޓް