ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ލޭންޑިންގ ސްޓޭޝަން ޤާއިމުކުރުމަށްޓަކައި ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، އެ މަސައްކަތް ކުރާ އޯޝަން ކަނެކްޓް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހޯމަ ދުވަހު އެޗްޑީސީގައި އޮތް ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަދި އޯޝަން ކަނެކްޓް މޯލްޑިވްސް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝިހާބެވެ.
ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމުގެ މި މަޝްރޫއު ހަވާލުކުރީ އިންޑިޔާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ފަރާތުންނެވެ.
ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަރނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަރނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.
ރާއްޖެއާއި ގުޅާލުމަށް ހަމަޖެހިފައިވަނީ ރިލަޔަންސް ކުންފުނިން އަޅާ އިންޑިޔާ-އޭޝިޔާ އެކްސްޕްރެސް (އައިއޭއެކްސް) ކޭބަލެވެ. މިއީ އިންޑިޔާގެ މުމްބާއީން ފެށިގެން ސިންގަޕޫރާއި ހަމައަށް އަޅާ ކޭބަލެކެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން, އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. މިއާއެކު މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގެ އިންޓަރނެޓްގެ ޚިދުމަތެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޯޝަން ކެނެކްޓުން ބުނީ މި ކޭބަލް ހުޅުމާލޭ ފޭސް 2ގައި ޖައްސާނީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ކަމަށެވެ. އޭރުން ކޭބަލްގެ ޚިދުމަތް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.