ނ. ލަންދޫގައި އިމާރާތްކުރި ހެލްތު ސެންޓަރގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮން ހުޅުވައިފިއެވެ. އިމާރާތް ހުޅުވާދެއްވާފައި ވަނީ 3 ޑިސެމްބަރ 2022 ގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް އެވެ.
މި އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މަނަދޫ ދާއިރާގެ މެންބަރ އަހްމަދު ހާރޫން އާއި، ލަންދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައިއެވެ.
ސަރުކާރުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުވި މި އިމާރާތުގެ ސަބަބުން ނ. ލަންދޫގައި ސިއްހީ ހިދުމަތް އިތުރަށް ފުޅާވެގެން ދާނެއެވެ. އަދި މި އިމާރާތް ހުޅުވުމާއި ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓް އާއި އިދާރީ ހުރިހާ ބައެއް ވަނީ މި އިމާރާތަށް ބަދަލުކުރެވިފައެވެ.
ނ. ލަންދޫއަކީ އާބާދީގައި 1000 ހާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން ދާ ރަށެކެވެ. ސަރުކާރުން ދަނީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.