މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކޮށް ފުލުހުން އެފަދަ ނެޓްވޯކެއް އަތުލައިގެންފިއެވެ.
މި މައްސަލައާ ގުޅިގެން 6 މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އެމީހުންނަށް ބަންދުގެ މުއްދަތު ޖަހާފައެވެ. އެގޮތުން ތިން މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، ދެ މީހެއްގެ ބަންދަށް 25 ދުވަސް ވަނީ ޖަހާފައެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެ އެންމެންގެ މައްޗަށްވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 36 އަހަރުގެ މީހަކާއި، 39 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހެއްގެ އިތުރުން، 37 އަހަރުގެ މީހަކާއި، 30 އަހަރުގެ މީހެކެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ތުހުމަތު ކުރެވެ މިންވަރަށް އެކަށީގެންވާ ހެކި ޤަރީނާ ހުށައެޅިފައިވާ ކަމަށެވެ. އެގޮތުން އިންޓެލިޖެންސް މައުލޫމާތު ލިބިގެން ބަލައި ފާސްކޮށްފައިވާ ތަންތަނުން އެކި ގޮތްގޮތަށް ޕެކް ކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައެވެ.
އޭގެ އިތުރުން، ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު، މަސްތުވާތަކެތި ޕެކް ކުރުމަށް ބޭނުންކުރާ މެޝިންތަކާއި، ސެލޯފިންއާއި، ކައްޓާތައްވެސް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރި މީހާ ވަނީ މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗާއި ފައިސާއަކީ އޭނާގެ ތަކެތިކަމަށް އިއުތިރާފުވެފައެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައާ ގުޅިގެން ގިނަ ކަންކަން އަދިވެސް ތަހުގީގަށް ކަށަވަރުކުރަން އެބަ ހުއްޓެވެ. އެމީހުންނަށް ތުހުމަތު ކުރެވޭ ކުށް ކޮށްފައިވަނީ ގިނަ އިންތިޒާމުތަކެއް ރޭވިފައިވާ ނެޓްވޯކެއްގެ ތެރެއިންކަމަށް ބެލެވޭކަމަށް ކޯޓު އަމުރުގައިވެސް ވަނީ ބަޔާންކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ ސޮފްވަތު ޙަބީބެވެ.